މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ 24 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ބައިވެރިވެ ވަޑައިގެންފިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފެނުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ފެނަކީ އެއާ ނުލާ ނޫޅެވޭނެ އެއްޗެއްކަން ހަނދާން ކޮށްދެއްވަމުން ފެންއިސްރާފު ނުކުރުމަށާއި އަދި ދަރިންނަށް ނަމޫނާ ދައްކަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ފެން އިސްރާފު ނުކުރުމަށް އިލްތިމާސް ކުރެއްވުމުގެ އިތުރުން ތިމާވެއްޓަށް ގެއްލުންހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން، މަދުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ކުންފުނި ހިންގުމުގައި ވެސް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ބަލައިގަންނަފަދަ ރަނގަޅު ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން 'ޗެއާމަން އެވޯޑް ފޯރ އެކްސެލެންސް' ހާޞިލުކުރި މުވައްޒަފަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.