ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ހިންގާ "ޑިސްކަވަރ ހޮސްޕިޓަލިޓީ" ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

ހޮޓަލް ޖެންގައި މިއަދު މެންދުރުފަހު ބޭއްވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މީހުން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިޤުތިޞާދުގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރައްވައި މީހުން ބިނާކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްގެ ނައިބު ވަނީ މިއަދު ކޯސް ފުރިހަމަކުރެއްވި ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މުހިންމު މެސެޖުތަކެއް ދެއްވައި މިދާއިރާގައި އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާފައިވާ ތަޖުރިބާތައް ޙިއްޞާ ކުރައްވައިފައެވެ. އެގޮތުން ކަމެއްގެ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އެމީހެއްގެ ފުރިހަމަ ސަމާލުކަމާއި، އަހަންމިއްޔަތުކަން އެކަމަކަށް ދިނުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ ހަރުދަނާ ހުނަރުވެރި އެކި ފަންނުތަކުގެ ޒުވާނުން ދިވެހި ޤައުމަށް ބޭނުންވާކަމުގައި ވިދާޅުވެ މިއަދު ލިބިފައިވާ އުނގެނުމުގެ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ގޮވައިލައްވައިފައެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާގައި ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ ބޭނުމަކީ ދިވެހިރާއްޖެ އެހެން ހަރުފަތަކަށް ގެންދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަބަދުވެސް ތަޢުލީމީ ދާއިރާ ފުޅާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ޙަފުލާގައި ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ކޯސް ނިންމިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.