ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސެންޓަރުގެ އެކިއެކި ޚިދުމަތްތައް ކުރިޔަށްދާގޮތް ބައްލަވައިލައްވައި ސެންޓަރުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ.

ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޞިއްޙީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.