ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ޙާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރު ބޮޑުކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި، ބިމުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ޞިއްޙީ މާރުކަޒަށް އާ ޢިމާރާތެއް އެޅުމާއި، ސޯޝަލް ސެންޓަރެއް ޤާއިމުކުރުން ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަޑުއްވަރީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި، ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.