ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އިހަވަންދޫ އަށް މިއަދު ޒިޔާރަތްކުރައްވައި، އެރަށު ކައުންސިލާއި ބައްދަލުކުރައްވައި، އެރަށުގައި ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ކައުންސިލަރުން އެރުވިއެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުނީގެ މައްސަލައާއި، ރަށުގެ ބަނދަރު ބޮޑުކުރުމާ ބެހޭގޮތުންނާއި އަދި ކައުންސިލުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭންވާކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުންކަމަށާއި، އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އިހަވަންދޫގައި މިއަދު އިފްތިތާޙްކުރެއްވި ސްޕީޑް ފެރީގެ ޚިދުމަތަކީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް ދަތުރުކުރާ ފެރީގެ ޚިދުމަތެކެވެ.