ދިވެހި ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާއާއި، ދިވެހި ރެޑް ކްރެސެންޓްގެ ބޯޑް މެމްބަރ އާރިފް ރަޝީދާއި، ދިވެހި ރެޑް ކްރެސެންޓްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި ރެޑް ކްރެސެންޓް ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ދިވެހި ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކަމުގައި ދިވެހި ރެޑް ކްރެސެންޓްގެ އިސްބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޙައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.