ބޭރުގެ ހަ ޢިއްޒަތްތެރިއަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުންތައް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތް ކުރެއްވި ބޭރުގެ ޢިއްޒަތްތެރިންނަކީ، ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސާކިރު އޮޒްޚާން އާއި، ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ޗުލަމީ ޗަތުސުވާން އާއި، ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ބުރޫސް މެކް ކިނޮން އާއި، އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި، އައި.އޯ.އެމް އިން އޭޝިޔާ އަދި ޕެސިފިކް ރީޖަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެޓަރ، ހަރ އެކްސެލެންސީ ޑރ. މާރިޔާ މޯތަސް އަދި ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރ، ހަރ އެކްސެލެންސީ ރިޝޫ ނެކެން އެވެ.

މި ބައްދަލުވުންތަކުގައި ނައިބު ރައީސް ވަނީ މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމުގައި އެކި ޤައުމުތަކުގެ ސަފީރުންނާއި، ބައެއް ޢިއްޒަތްތެރިން ތަމްސީލުކުރައްވާ ޖަމާޢަތްތަކުން ބައިވެވަޑައިގެން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މި ފޯރަމް ވެގެންގޮސްފައި ވަނީ ރާއްޖޭގެ ތަރައްޤީއަށް އެހީވެދޭ ފަރާތްތަކާއި ގުޅިގެން ކުރިޔަށް ދިއުމަށް އައު ދޮރުތަކެއް ހުޅުވިގެންދިޔަ ކާމިޔާބު ފޯރަމަކަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސާއެކު ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ބޭރުގެ ޢިއްޒަތްތެރިން ވަނީ ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.