ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، ވެޓަރަން އެންޑް ސޯޝަލް އެފެއާޒް، މިސްޓަރ ޒޯރަން ޖޯޖަރވިޗާއި ޔޫ.އެން.ޑީ.ޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫ އަދި ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތައް އޮތީ ކުރުނބާ މޯލްޑިވްސް ގައެވެ.

ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، ވެޓަރަން އެންޑް ސޯޝަލް އެފެއާޒާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ވެލްފެއާރގެ ކަންކަމަކީ ވެސް އެހާމެ މުހިންމުކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.ޑީޕީން ރާއްޖޭގައި ކުރިޔަށްގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިތުރުބާރެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ. ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.އޯ.ޕީ.އެސްގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް ފެނުގެ ރައްކާތެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އެ ޖަމާޢަތުން ވެދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.