މި ސަރުކާރުން ޖަޒީރާ ރާއްޖޭގެ ތަޞައްވަރު ކަށަވަރުކުރެއްވުމަށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް ބޭރުގެ ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ހީފުޅު ކުރެއްވި ވަރަށްވުރެ ގިނަ ފަރާތްތަކުން ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ރާއްޖޭގެ ގިނަ އެކުވެރިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމުގެ ހެއްކެއްކަމަށާއި، ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ތަރައްޤީގެ އެންމެހައި ބައިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން މި ހިނގާ ޖޫން މަހުގެ 17 އިން 18 އަށް ކުރިޔަށްގެންދާ ފޯރަމެކެވެ. "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިޔަށްގެންދިޔުމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުނިޔެ ޤަބޫލުރާ ފަދަ މިންގަނޑުތަކުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދި ނަމަވެސް، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި، ރާއްޖޭގެ ތަރައްޤީގެ އަސްލު ރަހަ ހުރިހާ ރައްޔިތުންނަށް ހަމަހަމަޔަށް ލިބިފައި ނުވާކަމަށާއި، ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކަކީ ދެމެހެއްޓެނިވި، ޤައުމުގައި ލިބެން ހުރި ވަޞީލަތްތަކަށް އިޚްތިރާމްކޮށް، ޘަޤާފަތް ދަމަހައްޓައި ސިޔާސަތުތަކެއްކަން ކަށަވަރުކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން އިސްކަންދެނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް އެންމެންނަށް ފައިދާކުރާނެހެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްކަމަށާއި، މި ފޯރަމްގެ ތެރެއިން ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްޞާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫ އިޤްތިޞާދުގެ ތަޞައްވަރާއި ޖަޒީރާ ރާއްޖޭގެ ތަޞައްވަރާއި ބެހޭ މަޢުލޫމާތު ފޯރަމުގެ ބައިވެރިންނާއި ޙިއްޞާކުރައްވައި ދިވެހިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ގެންގުޅުއްވާ ތަޞައްވަރުގެ މަޢުލޫމާތު ވެސް ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ.