ނިއުޒިލެންޑާއި، އޮސްޓްރޭލިއާއާއި، މޯލްޓާއާއި، ބަހްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ޖޮއާން ޓިންޑޯލްއާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް ޖޮން ހޮލީއާއި، މޯލްޓާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ސްޓެފަން ބޯރގްއާއި، ބަހްރެއިން ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން މުޙައްމަދު އަލް ޤަޢުދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ވަކި ވަކީން ބައްދަލުކުރައްވާފައެވެ.

މި ހަތަރު ޤައުމުގެ ސަފީރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި، އެބޭފުޅުން ވަނީ ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވާކަން ހާމަ ކުރައްވާފައެވެ. އާ ސަފީރުންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ޚާރިޖީ ބައިވެރިންނާއެކު ރާއްޖޭގެ ތަރައްޤީގެ އެޖެންޑާ ހިންގުމުގައި މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 17 އިން 18 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019" ގައި އެ ޤައުމުތަކުން ބައިވެރިވެފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ފޯރަމަކީ ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ބައިވެރިންނާއިއެކު މިފަހުގެ ތާރީޚެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޤާމާ ހަވާލުވެވަޑައިގެންނެވި އާ ސަފީރުންނަށް މަރުޙަބާ ވިދާޅުވެ، އެބޭފުޅުންގެ މަސްޢޫލިއްޔަތާއިގެން ކުރިއަށް ވަޑައިގެންނެވުމުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި އެ ޤައުމުތަކާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.