ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރިޔަށްގެންދަވާފައިވާ އެކިއެކި މަސައްކަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ސަރުކާރުން ހާމަކުރައްވައިފިއެވެ. ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް މަޢުލޫމާތު އާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި މަޢުލޫމާތުދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދެވެ.

މި ނޫސް ކޮންފަރެންސްގައި ހޫދު ވަނީ މިދުވަސްވަރު ނޫސްތަކާއި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މުހިންމު ކަންކަމާއި ގުޅޭގޮތުންވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން މަތީތަޢުލީމު ޙާޞިލު ކުރުމަށް ދޭ ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ލޯނު ނުލިބުމުން އުފެދުނު ކަންބޮޑުވުންތަކާއި ކަރަންޓުގެ އަގާބެހޭގޮތުން ޚަބަރުފަތުރާ ވަޞީލަތްތަކާއި މީސްމީޑިޔާގައި ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އަލި އަޅުއްވައިލައްވައި އެކަންކަމުގައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާގޮތް ހޫދު ވަނީ ހާމަ ކުރައްވައިފައެވެ. އަދި ކުރިމަގުގައި ސަރުކާރުން މަސައްކަތްތައް ކުރިޔަށްދާ މިންވަރު މީޑިޔާއަށް އޮޅުން ފިލުވައިދެއްވުމަށް ގާތްގާތުގައި މީޑިޔާ ބައްދަލުވުންތައް ބާއްވަވާނެކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

އާ ސަރުކާރު ވެރިކަމާއި ހަވާލުވެ މި ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ޤައުމުގެ ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި ހޫދު ވިދާޅުވީ މީގެ ކުރިން ސިޔާސީ ކަންކަމުގައި ސިޔާސީ ބޭފުޅުން ޖަލަށްލުމާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން މީހުންގެ ވިޔަފާރިތައް ބަނގުރޫޓްކޮށްލުމާއި މުވައްސަސާތައް ވަކިމީހެއްގެ މުށުތެރެއަށް ލައިގެން ހިންގުމުން ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ދިއުމާއި ރައްޔިތުންގެ މަޖްލީސް ވަކިބައެއްގެ މުށުތެރޭގައި އޮތުން ފަދަ ކަންކަން ކުރިން ފެންނަމުންދިޔަނަމަވެސް މިހާރު އެކަންކަން ފެންނަމުން ނުދާނެކަމަށެވެ. އަދި މި ސަރުކާރާއެކު ގެނެވުނު އެންމެ ބޮޑުބަދަލަކީ އޭރު އެއޮތްފަދަ ބިރާއި ނުތަނަސްކަން މިހާރުނެތުންކަން ހޫދު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ފަހުން ކުރަމުން އައި މުހިންމު މަސައްކަތަކީ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުން ކަން ހޫދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި އެކްޝަން ޕްލޭން ބިނާވާނީ އިންތިޚާބުގެ މެނިފެސްޓޯއާ، މަޖިލިސް ކެންޕޭނުގައި ބޭނުންކުރި 'އެޖެންޑާ 19' ކެންޕޭނުގައި ބޭނުންކުރި އެޖެންޑާއާ ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭގޮތަށްކަން ހޫދު ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭނަކީ ކުރިޔަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގު ޗާޓުކަމަށާއި މީގައި ސަރުކާރުން ކުރާނެ ހުރިހާ ކަމެއް އެކުލެވިގެންދާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ. އަދި ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓްވެސް އެކްޝަން ޕްލޭންގައި ހިމެނިފައިވާނެކަން ހޫދު ފާހަގަކުރެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން މިއަހަރުގެ ބަޖެޓުން 187 ރަށެއްގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 117 ރަށެއްގެ މަސައްކަތް އޮތީ ފެށުމުގެ މަރުޙަލާގައި ކަމަށާއި އަދި 41 ރަށެއްގައި ޢަމަލީ މަސައްކަތް ފެށިގެން މިހާރު ކުރިޔަށް ދާކަން ފާހަގަކުރެއްވިއެވެ.

ހޫދުގެ ވާހަކަފުޅުގައި ސްކޫލުތަކުގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމާއި އެސްއެމްއީ ބޭންކް ޤާއިމުކޮށް އެ ބޭންކުން 23 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް އެކުލަވާލާފައިވާ ސިޔާސަތު އިސްލާހުކޮށް، ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ 80 އިންސައްތަ ފެންޝަން ފައިސާއިން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައި އެއިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ހޫދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން މައްސަލަ ހުށަހެޅުމަށް ޤާއިމުކުރި ވެބްޕޯރޓަލަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށާއި އޭގެ ތެރެއިން ސުވާލުއުފެދޭ 18 މައްސަލައެއް އިތުރަށް ބަލައި ތަހުޤީގު ކުރުމަށް އޭސީސީއަށް ފޮނުވާފައިވާކަމުގައި ހޫދު ވިދާޅުވިއެވެ.