ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަދު ރަސްމީކޮށް ފެށިގެން މިދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ޞިއްޙަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް މިހާތަނަށް ލިބިގެންދާ އެންމެ ފަހި ފުރުޞަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީގޮތުން ފެއްޓެވުމަށް މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުޞަތު އެކަނި ނޫންކަން ފާހަގަ ކުރެއްވިއެވެ. އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިޙްތިރާމު ކުރުމާއި، އެހެންމީހުންގެ ޙައްޤުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމު ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް "މިންހެޔޮ ނާސްތާ'" ލިބިގެންދާނެއެވެ.