بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށް، އެމުބާރާތުގެ ތަށްޓާއި ރަން މެޑެލް ހޯދުގެ އުފާވެރި މުނާސަބަތުގައި، ހެންވޭރު ބޮޑުފުންގަނޑުގެ އެކުވެރިންގެ ފަރާތުން އެޓީމަށް މަރުޙަބާ ކިޔައި ތަހުނިޔާ އަދާކުރުމަށްޓަކައި މިބާއްވަވާ ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިޙަފްލާ އިންތިޒާމު ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ދެންމެ ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލަޔަށްޓަކައިވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިސަރަޙައްދުގެ އެކުވެރިންނަށް، މިސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ޝައްކެއްނެތްގޮތުގައި، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެއަށް މި ހާސިލުކޮށްދިނީ ވަރަށް ރީތި ނަމެއް. ވަރަށް މަތިވެރި ޝަރަފެއް. ފުޓްބޯޅައަކީ މިޒަމާނުގައި ދުނިޔޭގައި ވަރަށް މަޤްބޫލު ކުޅިވަރެއް. ދުނިޔޭގެ ކުދި ބޮޑު ޤައުމުތަކުން އެކި މުބާރާތްތަކުގައި، އެމުބާރާތްތަކުގެ ޗެމްޕިއަންޝިޕް، ނުވަތަ ތަށި ނުވަތަ ރަން މެޑެލް ހޯދުމަށްދަނީ މަސައްކަތް ކުރަމުން. އެގޮތުން، ރޭ އަޅުގަނޑުމެންނަށް ފެނިގެންދިޔަ 2008 ޔޫރޯ މުބާރާތުގެ ފައިނަލް ސްޕެއިނާއި ޖަރުމަނުވިލާތާ ކުޅުނު މެޗު. އަދި އެމުބާރާތުގެ އެއްވަނަ ހޯދައިގެން ސްޕެއިން ތަށި ހޯދިތަން. މިކަމަށްޓަކައި އެޤައުމުގެ ވެރިން އާދެ، ސްޕެއިންގެ ރަސްގެފާނު އެމެޗު ބައްލަވާލެއްވުމަށް ވަޑައިގެން ހުންނެވި. ރާނީ ވަޑައިގެން ހުންނެވި. އަދި ޖަރުމަނުގެ ރައީސާވެސް ވަޑައިގެން ހުންނެވި. އެހެންވީމާ، މިކަމުން އެނގެނީ ފުޓްބޯޅައަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެތަންތާނގެ ރައްޔިތުންނާއި، ސަރުކާރުތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއްކަން. އެހެންވީމާ، ރާއްޖޭގައިވެސް ފުޓްބޯޅައަށް އެވަރުގެ ސަމާލުކަމެއް، އެވަރުގެ މުހިންމުކަމެއް ދިވެހިރައްޔިތުން އަދި ދިވެހި ސަރުކާރުން ދިނުމަކީ އެއްގޮތަކަށްވެސް ޙައިރާންވާންވީ ކަމެއްނޫން.

އާދެ، ދިވެހިރާއްޖެއަކީ މިސަރަޙައްދުގައި އޮތް ޤައުމުތަކުގެ ތެރެއިން އެންމެ މީސްކޮޅު މަދު ޤައުމު. އެންމެ ކުޑަ ޤައުމު. އެހެންނަމަވެސް، ފުޓްބޯޅައިގެ މައިދާނުގައި އަޅުގަނޑުމެން މިސާބިތުކޮށްދިނީ، ދިވެހިރާއްޖެއަކީ މިސަރަޙައްދުގައި އޮތް އެންމެ މޮޅު ޤައުމުކަން. އެއީ، އެއްވެސް ހާލެއްގައި ކުޑަ ކާމިޔާބީއެއްނޫން. ވަރަށް ބޮޑު، ވަރަށް ފަޚުރުވެރި ކާމިޔާބީއެއް. މި ކާމިޔާބީ އަޅުގަނޑުމެންނަށް ހާސިލުކޮށްދިނީ، އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ ކުޅުންތެރިން. އެކުޅުންތެރިންގެ އިޚްލާޞްތެރިކަމާއި، ހުނަރުވެރިކަމާއި، މަސައްކަތާއި، އެކުޅުންތެރިންގެ ހިތްވަރާ، މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އެ ކުޅުންތެރިން މިހާސިލުކޮށްދިނީ ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެންގެ ޤައުމަށް ވަރަށް ބޮޑު ފަޚުރެއް. އެހެންވީމާ، މިމުނާސަބަތުގައިވެސް ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ އަދާކޮށް މުބާރަކްބާދީ ކިޔަން.

އާދެ، މިކާމިޔާބީ ހޯދުމުގައި މި ޓީމުގެ ފަހަތުގައި ވަރަށް ގިނަ ފަރާތްތަކެއް، ވަރަށް އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި. އޭގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ކުޅިވަރާއި އަދި ޒުވާނުންނާބެހޭ ވުޒާރާއިން ކޮށްދެއްވި މަސައްކަތް. އެމިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ކުރެއްވި މަސައްކަތްޕުޅުތައް ހިމެނޭ. ހަމައެހެންމެ، އެ މިނިސްޓްރީގެ އެހެން ވެރިންނާއި، ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިންނާއި އަދި އިންޓެރިމް ކޮމިޓީގެ މެންބަރުންނާއި އަދިވެސް ރާއްޖޭގެ ކްލަބުތަކާ، މިހުރިހާ ފަރާތްތަކަކުންވަނީ ޓީމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވައި، މި ޓީމު ކާމިޔާބު ހޯދުމުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރައްވާފައި. ހަމައެއާއެކީގައި ދިވެހިރައްޔިތުންވެސް ވަނީ ޓީމަށް ސަޕޯޓު ކުރެއްވުމުގައި، ތާއީދު ދެއްވުމުގައި، ހިތްވަރު ދެއްވުމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދައްކަވާފައި.

މި މުބާރާތުގެ ބައެއް މެޗުތައް ކުޅެވެމުން ދިޔައީ ރާއްޖޭގައި. ރާއްޖޭގައި ކުޅެވެމުން ދިޔައިރު އަޅުގަނޑުމެންގެ ދަނޑު ޒީނަތްތެރިވެފައިވަނީ ޤައުމީ ކުލައިން. އަޅުގަނޑުމެންގެ ބެލުންތެރިން ނުވަތަ އަޅުގަނޑުމެންގެ ޓީމަށް ތާއީދުކުރާ ދިވެހިންގެ ގިނަ ބަޔަކު ތިބީ އަޅުގަނޑުމެންގެ ޤައުމީ ކުލައިގައި. ވަރަށް ރީތި މަންޒަރެއް ފެނިގެން ދިޔައީ. ވަރަށް ވަރުގަދަ ހިތްވަރެއް ދެއްވަމުން ގެންދެވީ.

ހަމައެހެންމެ، މިމުބާރާތުގެ ސެމީފައިނަލްގެ މެޗު އަޅުގަނޑުމެން ކުޅެންޖެހުނީ ސްރީލަންކާގައި. އެ މެޗު ކުޅެވެމުން ދިޔައިރުވެސް އަދި ޚާއްޞަކޮށް ފައިނަލް ކުޅެވެމުން ދިޔައިރު ދިވެހިރާއްޖޭގެ ރައްޔިތުން، އެތަނުން ފެނިގެންދިޔަ މަންޒަރަކީ ވަރަށް އުފާކުރުން ޙައްޤު މަންޒަރެއް. އަޅުގަނޑުވެސް ރާއްޖެއިން ބޭރުގައި ވަރަށް މުހިންމު ޤައުމީ ދަތުރެއްގައި، އާދެ، މާކުރިން ހަމަޖެހިފައި އޮތް ދަތުރެއްގައި އުޅެމުންވެސް ދިވެހިރާއްޖެ ފައިނަލަށް ދިޔަކަން އެނގުނީމާ، އަޅުގަނޑުގެ ދަތުރު މެދުކަނޑާލާފައި އައީ ކޮޅުނބަށް. އެއީ އަޅުގަނޑުމެންގެ ޤައުމީ ޓީމަށް ހިތްވަރު ދިނުމަށްޓަކައި. އެހެންވީމާ، މިހުރިހާ ކަމަކުން މި އެނގެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމީ ޓީމަށް ދިވެހިރައްޔިތުން ދެއްވި ތަރުޙީބު. ދިވެހި ސަރުކާރުން ދިން ތަރުޙީބު. އަދި ރާއްޖޭގެ އެހެން ހުރިހާ ފަރާތްތަކަކުންވެސް، އާދެ، މިދެންނެވިހެން ފުޓްބޯޅަ އެސޯސިއޭޝަނުންނާއި އަދި އެސޯސިއޭޝަންގެ ކަންތައްތައް ބަލަހައްޓަވާ އިންޓެރިމް ކޮމިޓީއާއި، މެނޭޖްމަންޓާއި، އަދި ޔޫތު މިނިސްޓްރީއާއި، ކްލަބުތަކާއި އަދި ޚާއްޞަކޮށް މީޑިއާ ހިމެނޭ. އާދެ، އަޅުގަނޑުމެންގެ ޚަބަރުފަތުރާ ވަސީލަތްތަކުންވެސް ޓީމަށް ދެއްވަމުން ގެންދެވީ ވަރަށްބޮޑު ތާއީދެއް. ވަރަށް ބޮޑު ހިތްވަރެއް. އެކަންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ.

އެހެންވީމާ، މިފަޚުރަކީ ޙަޤީޤަތުގައި މިހުރިހާ ފަރާތެއް ގުޅިގެން ކުރި މަސައްކަތުން އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއްކަން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. މިފަހަރަކީ އަހަރެމެންގެ ފަހަރުކަން އަޅުގަނޑުމެންގެ ޤައުމީ ޓީމު މިވަނީ ސާބިތުކޮށްދީފައި. އަޅުގަނޑު ކުރީ ރެއެއްގައިވެސް ދަންނަވާލިފަދައިން، އަޅުގަނޑު ބޭނުންވަނީ ކުރިއަށް އޮތް ފަހަރަކީވެސް، ކުރިއަށް އޮތް ފަހަރުތަކަކީވެސް އަހަރެމެންގެ ފަހަރު ކަމުގައި، އަދި އަހަރެމެންގެ ފަހަރުތައް ކަމުގައި ހަމަޖެހުން. ކަނޑައެޅުން.

އެކަން އަޅުގަނޑުމެން އެބަޖެހޭ ސާބިތުކޮށްދޭން. ދިވެހި ޤައުމީ ޓީމު، އަދި ޤައުމީ ޓީމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އަދި ދިވެހިރައްޔިތުން. ދިވެހިރައްޔިތުން ސާބިތުކޮށްދެއްވަން އެބަޖެހޭ، ކުރިއަށް އޮތް ހުރިހާ ފަހަރަކީވެސް ރައްޔިތުންގެ ފަހަރުކަން. މިފަހަރެކޭ އެއްފަދައިން ކުރިއަށް އޮތް ފަހަރުތަކަކީވެސް ރައްޔިތުންގެ ފަހަރުތަކެއްކަން. އެއީ އަޅުގަނޑުމެން މިރޭ ޢަޒުމު ކަނޑައަޅަންވީ ކަމެއް. މިރޭ އެކަންޏެއް ނޫން. އެ ޢަޒުމުގައި އަޅުގަނޑުމެން ކުރިއަށް ދާންވީ. އިރާދަކުރެއްވިއްޔާ، ރާއްޖެއަށް މިފަދަ ފަޚުރުވެރި ކާމިޔާބީތައް ވަރަށް ގިނައިން ލިބެމުންދާނެ.

ޤައުމީ ޓީމަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، ތިޔަ ޓީމުގެ ކުޅުންތެރިން ތިޔަތިބީ މިހާރު ވަރަށް ރަނގަޅު ފެންވަރަކަށް ވާސިލުވެވިފައޭ. ތިޔަކުދިންގެ އަމިއްލަ ހިތްމަތާއި މިންނަތުން އަދި ތިޔަކުދިންނަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކެއްގެ ސަބަބުން. އެހެންވީމާ، ތިޔަ ފެންވަރު ހިފަހައްޓާށޭ. ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދެވޭނީ ވަކި ގޮތަކަށް ތިމާގެ ދިރިއުޅުން ބައްޓަން ކޮށްގެންނޭ. އެގޮތް ހުރިހާ ކުދިންވެސް ދަންނައްޗޭ. ދިރިއުޅުމުގެ އެކިއެކި ކަންތައްތައް، ކެއުމާއި ބުއިމާއި، ނިދުމާއި، އަރާމުކުރުމާއި، ޕްރެކްޓިސް ކުރުމާއި އަދި އަޚްލާގީގޮތުން ގެންގުޅެންޖެހޭ މިންގަނޑުތައް ރަނގަޅަށް ގެންގުޅުމާއި، އެކިއެކި ނުބައި އާދަތަކުން ދުރުހެލިވުމާ، މިކަންކަން ތިޔަކުދިން ރަނގަޅަށް ކުރައްޗޭ. އެހެން ކޮށްފީވިއްޔާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް ތިޔަ ޓީމަށް ލިބޭނީ ވަރަށް ބޮޑު ކާމިޔާބީއެކޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ.

އާދެ، އަޅުގަނޑުގެ ގާތުގައި އަޅުގަނޑުމެންގެ ޓީމުގެ ކޯޗު އެރޭ ވިދާޅުވި، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި، ދުނިޔޭގެ ފެންވަރުގައި ހިމަނާލެވޭފަދަ މޮޅު ކުޅުންތެރިން އެބަތިއްބޭ. އެހެންވީމާ، އެއީ ތަޖުރިބާކާރު ކޯޗަކު ވިދާޅުވި ބަސްފުޅެއް. އެއީކީ ފަހަރެއްގައިވެސް ޙަޤީޤަތާ ޚިލާފު ވާހަކައެއް ނޫން. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ކުޅުންތެރިންވެސް އެބަ ދަންނަންޖެހޭ. އެ ފެންވަރު ހިފަހައްޓަން އެބަޖެހޭ. އަދި އެ ފެންވަރަށްވުރެ މައްޗަށް ދާންވެސް އެބަޖެހޭ. މިކަމަކީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ހާސިލުވި ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ނުދެކެމާތޯއޭ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ. މިއީ، މުޅި ރާއްޖޭގެ ޤައުމީ ހަޔާތުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކޭ. އެހެންވީމާ، އެކާމިޔާބީ ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ޤައުމީ ފުޓުބޯޅަ ޓީމާއި އަދި އެހެން ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުތަކާއި އަދި އަޅުގަނޑުމެންގެ ކްލަބުތަކާއި، އަޅުގަނޑުމެންގެ ސަރުކާރުގެ ރަސްމީ ފަރާތްތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކާއި، ދިވެހިރައްޔިތުން މިކަންކަން މިގޮތަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑަށް ހިތްވަރު ކުރައްވަންޖެހޭކަމަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތިން. ދިވެހި ޤައުމީ ޓީމު އަޅުގަނޑުމެންނަށް އެ ހޯދައިދިން ފަޚުރުވެރި ކާމިޔާބީއަށްޓަކައި ޓީމުގެ ހުރިހާ މެންބަރުންނަށް އަދި މިކާމިޔާބީ ހާސިލުކުރުމުގައި އެކިއެކި މިންވަރުތަކަށް ހިއްސާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިސަރަޙައްދުގެ ރައްޔިތުން އާދެ، ބޮޑުފުންގަނޑުގެ ސަރަޙައްދުގެ އެކުވެރިން މިރޭ ޓީމުގެ ޝަރަފުގައި ތިޔަ ބޭއްވެވި ޙަފްލާއަށްޓަކައި މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ސަރަޙައްދުގެ ރައްޔިތުންނަކީ އަބަދުވެސް ޤައުމީ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް. ސަރުކާރަށް ވަރަށް އިޚްލާޞްތެރި ބައެއް. ހުރިހާ ކަމެއްގައިވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާ ބައެއް. އެކަމަށްޓަކައި ބޮޑުފުންގަނޑު ސަރަޙައްދުގެ އެކުވެރިންނަށާއި، މިސަރަޙައްދުގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ އިތުރު ކުރިއެރުމާއި، ފުރިހަމަ ޞިއްޙަތާއި، ތަނަވަސްކަން ދެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.