ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދުރަ މޯދީގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރުގެ ޕާޓީއިން އިންޑިއާގެ އާއްމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ކާމިޔާބީއިން ރަމްޒުކޮށްދެނީ އިންޑިއާގެ ރައްޔިތުން ބޮޑުވަޒީރު މޯދީއަށާއި ބާރަތިޔާ ޖަނަތާ ޕާޓީއަށް ކުރާ އިތުބާރާއި އެޕާޓީއާއިމެދު އޮތް ޔަޤީންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން، ޚާއްޞަގޮތެއްގައި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ސަރުކާރުން އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރެއްވުމަށްކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެހީތެރިކަމަކަށް ބޭނުންވާ ހިނދު އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތްކަމީ މިކަމުގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.