ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު މަޤާމުގެ ހުވައި ކުރެއްވުމަށްފަހު ރަސްމީ ހައިސިއްޔަތުން ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމަކަށް ރާއްޖެވުމުންނާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސްކަމުގެ ހުވައި ކުރެއްވުމަށްފަހު ރަސްމީ ހައިސިއްޔަތުން ވަޑައިގެންނެވި ފުރަތަމަ ޤައުމަކަށް އިންޑިއާ ވެގެންދިއުން ރަމްޒުކޮށްދެނީ ދެޤައުމުގެ މެދުގައި އޮތް ލޯތްބާއި ގާތްގުޅުންކަމުގައި ވިދާޅުވެ ބޮޑުވަޒީރު މޯދީ ވަނީ ރަސްމީ ބައްދަލުކުރެއްވުމުގައި އެކަން ފާހަގަ ކުރައްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދެލީޑަރުންވެސް ވަނީ ނިމިދިޔަ ދެޤައުމުގެ އިންތިޚާބުގައި އެދެބޭފުޅުންގެ ޕާޓީ އަދި އަމިއްލަ ހައިސިއްޔަތުން ހޯއްދެވި ކާމިޔާބަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، ބާރަތިޔާ ޖަނަތާ ޕާޓީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަށް ޝުކުރުއަދާކުރައްވައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށްބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، ހޯއްދެވި ކާމިޔާބާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދުގައި ވަނީ، ގިނަ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ވަރަށް ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން އިންޑިއާއިން އެހީގެ ގޮތުގައި ދެއްވާފައިވާ 6.9 މިލިޔަން ޑޮލަރުގެ އެހީގައި ކްލާސްރޫމްތައް ބިނާކުރުމާއި އެމްބިއުލަންސްފަދަ އުޅަނދުފަހަރު ހޯދުމާއި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ އެކި މަޝްރޫއުތައް ހިންގިފައިވާކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖްހޫރިއްޔާ ވަނީ މި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ ބިޔަ މަޝްރޫޢު ތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ކުރިއަރައިގެން ދާނެކަމުގައި ފާހަގަ ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މި އެޖެންޑާގައި މީގެކުރިން އަހަންމިއްޔަތުކަން ދެވިފައިނުވާ ސަރަހައްދުތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރައްވައި، އައްޑޫ ސިޓީފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ތަރައްޤީ ފެނިގެންދާފަދަ ކަންކަން ހިމެނޭނެކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކުރިމަގުގެ ތަސައްވަރު އުޖާލާކުރުމަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ދެޤައުމުގެ ރަސްމީ ވާހަކަތަކުގައި ބޮޑުވަޒީރު މޯދީ ވަނީ ދެޤައުމު ގުޅިގެން ހޯދަމުންދާ ކުރިއެރުންތަކާއި، ސަރަހައްދީ ކަންކަމުގައި އެކުގައި މަސައްކަތްކޮށް ޚިޔާލު އެއްގޮތްވާކަންކަމާއި، ސަރަހައްދީ ކަނޑުގެ ސަރައްދުގައި ދެޤައުމުގެ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުވެފައިވާތީ އެކަން ފާހަގަ ކުރައްވައި އެކަމާ އުފާފާޅުކުރައްވައިފައެވެ.

ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ ދެ ޤައުމުގެ އެކުވެރިކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ.