އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަ ކުރައްވައި އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ދެޤައުމުން ދެއްވި ގުޅިފައިވާ ރަސްމީ ބަޔާނުގައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަމާނަ ދަތުރުފުޅާއި ގުޅިގެން ދެޤައުމުގެ ގުޅިފައިވާ ރަސްމީ ބަޔާން ދެއްވީ ބޮޑުވަޒީރު މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވެވި ރަސްމީ ވާހަކަފުޅަށްފަހު، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ އެކަމަށްޓަކައި، އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ދެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއްކަމުގައި ވިދާޅުވިއެވެ. އަދި، ދާދި ފަހުން ބޭއްވި ލޮކް ސަބާ އިންތިޚާބުގައި، ބޮޑުވަޒީރުގެ ޕާޓީން ހޯދި ތާރީޚީ ކާމިޔާބީއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެން ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ، ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެށުނީއްސުރެ މި ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލްވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުންކަމަށެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރައްވައި މި މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އިތުރުން، ދެ ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރާއެކު މަޝްވަރާކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އަލުން އިޢާދަކޮށް ބަދަހިކުރުމާއެކު، އަވައްޓެރި އެހެން ޤައުމުތަކާއެކު ވެސް އިތުރަށް ގުޅުން ބަދަހިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ މި ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވެސް ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި ގުޅޭގޮތުންނާއި ސަރަހައްދީ ބައެއް މައްސަލަތަކަށް ވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ.