بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

 

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ، މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި، ދުންފަތުގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި، ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް، މިއަދުގެ މުނާސަބަތުގައި އައްސަރިބަހާއި ސާބަސް ރައްދުކޮށް ހެޔޮއެދުންތައް ފޮނުވަމެވެ.


ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހެއް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށް، ދައުލަތްތަކާއި މަދަނީ ޖަމުޢިއްޔާތައް ބައިވެރިވެގެން، މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އެގޮތުން މިއަހަރުގެ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޙަރަކާތްތައް އަމާޒުކޮށްފައިވަނީ، [ފުއްޕާމޭގެ ދުޅަހެޔޮކަމާއި ދުންފަތް] މި ޝިޢާރުގެ މައްޗަށެވެ.


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ހިސާބުތައް ދައްކާގޮތުގައި، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި، ކޮންމެ އަހަރަކުވެސް ހަތް މިލިއަނަށްވުރެ ގިނަ މީހުން މަރުވެއެވެ. އޭގެ ތެރެއިން، 890000 އަށްވުރެ ގިނަ މީހުންނަކީ، އެހެން މީހުން ދުންފަތުގެ އިސްތިޢުމާލު ކުރުމަށްފަހު، ދޫކުރާ ދުމުގެ ސަބަބުން، ޖެހޭ ބަލިތަކުގައި މަރުވާ މީހުންނެވެ. ރާއްޖޭގައިވެސް މިހާރު އެންމެ ގިނަ ބަޔަކު ބަލިމަޑުކަމުގައި އުޅެ، ނުޢުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ބޮޑެތި ބަލިތަކުގެ ތެރޭގައި، ފުއްޕާމޭގެ ކެންސަރާއި، މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް، ފުއްޕާމޭގެ ބައްޔެއް ކަމަށްވާ ސީ.އޯ.ޕީ.ޑީ (ފުއްޕާމޭގައި ދޮހާއި ދަވަ ހެދުމުގެ ސަބަބުން، ވޭންދެނިވި ގޮތަކަށް ޢާއްމުކޮށް ކެއްސުމާއި، ވަރަށް އުނދަގުލުން ނޫނީ ނޭވާ ނުލެވުން މެދުވެރިވާ ބައްޔެއް) ހިމެނެއެވެ.


ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއްކަން ޔަޤީނެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އަށް، މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީއެވެ. އަދި ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެއެވެ.


މި ދެންނެވި ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާފައިވާ މިފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށްވެސް އަޅުގަނޑު ގޮވާލަމެވެ. ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާޢު ކިޔާ ދުވަހަކަށް ހަދަމާތޯއެވެ.


އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެންމެހައި ދިވެހީންނަށް ފުރިހަމަ ޞިއްޙަތެއް ހޯދައިދިނުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، މާތްﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވުމެވެ. އަޅުގަނޑުމެންނަކީ، ޞިއްޙަތަށް ގެއްލުންދެނިވި އެންމެހައި އާދަތަކުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް ތަރުޙީބުދޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.