ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، އެކި ދާއިރާތަކުން ދެޤައުމުގެ ދޭތެރޭގައި ބަދަހިވެފައިވާ ގުޅުންތަކަށްވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އުމްރާނީ ތަރައްޤީއާ އެއްވަރަށް އިޖުތިމާއީ ދުޅަހެޔޮ ކަމާއި، މުނިފޫހި ފިލުވުމުގެ ދާއިރާވެސް ކުރިއަރުވަންޖެހޭކަން ޖަޕާންގެ ސަފީރު ފާހަގަ ކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޖަޕާނުގެ "ބައިސިކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޜަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކަރާޓީގެ ޕްރޮގްރާމްތައް ހިންގުމަށާއި، އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް އަމާޒުކޮށްގެން ރާއްޖޭގެ ފެތުންތެރިން ތަމްރީނުކުރުމަށްވެސް ޖަޕާނުން ޝައުޤުވެރިކަން ހުރިކަން ސަފީރު ހާމަ ކުރެއްވިއެވެ.

މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރަށާއި ދުޅަހެޔޮ ދިރިއުޅުމަށް އެކަމަނާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ޖަޕާނު ސަރުކާރުގެ ހުށަހެޅުއްވުން ތަކަށް މަރުހަބާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެކަން ފާހަގަ ކުރައްވައި، ޚާއްޞަ ގޮތެއްގައި ސްކޫލް ދަރިވަރުން ކުޅިވަރާއެކު ކުރިއަށް ދިއުމަކީ އިޖުތިމާއީ މުހިންމު ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެކަމަނާ ތައުލީމީ ދާއިރާގައި ހޭދަ ކުރައްވާފައިވާ 20 އަހަރުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވައި، ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިފަދަ ފުރުސަތުތައް ތަނަވަސްވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.