بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، ރ. އަތޮޅަށް އަޅުގަނޑު އިއްޔެ ކުރަންފެށި ދަތުރުގައި، މިއަދު އެންމެ ފުރަތަމަ މިއައީ މި ރަށަށް. މަޑުއްވަރިއަށް. މަޑުއްވަރިއަކީ ރ.އަތޮޅުގެ ވަރަށް މުހިންމު ރަށެއް. މީހުންގެ ގޮތުން ބަލާއިރުވެސް ވަރަށް މީހުންގިނަ ރަށެއް. އެހެންކަމާއެކު، މިރަށަށް އައުމުން އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް އެބަ ލިބޭ. އަޅުގަނޑުގެ މި ދަތުރަށްޓަކައި ވަރަށް ފުރިހަމަ ގޮތެއްގައި ރަށުގެ ވެރިންނާއި ރައްޔިތުން، ރަށް ތައްޔާރު ކުރައްވާފައިވާ ތަން ފެނިފައި ވަރަށްބޮޑަށް އުފާކުރަން. އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުން އެކަމަށް ތައްޔާރުވެވަޑައިގެންފައި އެވަނީ، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ބޮޑުކަމުން. އެކަން އެގޮތަށް ޤަބޫލުކޮށް، ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު ވާޖިބެއް ކަމުގައި ދެކެން.

ރާއްޖެތެރެއަށް އަޅުގަނޑު މިކުރާ ދަތުރުތައް ފެށްޓީ މީގެ ހަތަރު އަހަރު ކުރިން. އަޅުގަނޑު ޤަޞްދުކޮށްގެން ހުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްގޮސް ނިންމަން. އެހެންނަމަވެސް، ދިމާވި ކިތަންމެ ސަބަބެއްގެ ސަބަބުން އެ ދަތުރުތައް އެގޮތަށް ނުނިންމުނީ. އެއްސަބަބަކަށް ދިމާވީ، މިދިޔަ އަހަރަކީ އާދަޔާ ޚިލާފަށް ވިއްސާރަ ދިގުލީ އަހަރަކަށްވީކަން. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، އާދެ، މަސްވެރިންގެ ދުވަހާ ވިދިގެން އެ ދުވަހުގެ ކަންތައްތައް ނިމުމާ ގުޅިގެން، އަޅުގަނޑު އޭރު ޤަޞްދުކޮށްގެން ހުރީ މިއަތޮޅަށް ޒިޔާރަތްކުރަން. އެހެންނަމަވެސް، އެދުވަސްކޮޅުވެސް ދިމާވީ ވަރަށް ވިއްސާރަ، މޫސުމް ނުބައި ދުވަސްކޮޅަކަށް ކަމަށްވާތީ، އެ ދަތުރު ނުކުރެވުނީ. އެންމެފަހުން އެ ދަތުރުކުރުން މިހަމަޖެހުނީ މިދުވަސްކޮޅަށް.

އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައިހެދުން. އަދި ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުންފިލުވައި، އެ މަސައްކަތްތައް މިހާރަށްވުރެ ތަރައްޤީ ކުރެވޭނެ މަގުތައްވެސް ހޯދައިދިނުން. އަދި އެކަމުގައި ސަރުކާރުން ވެވެންއޮތް އެހީއެއްވިއްޔާ ވެދިނުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރެ ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން، އެ މަޝްރޫޢު ހިންގަމުން ގެންދާކަން. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި މިހާރު ވަރަށްގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. ކޮންމެ އަތޮޅެއްގައި މަދަރުސާއެއް ހިންގުން އެއީ، އެ މަޝްރޫޢުގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް. ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައި މަދަރުސާއެއް ހިންގުމަކީ މާފަސޭހަކަމަކަށް ނުވާނެ. ވަރަށްބޮޑު ޚަރަދުވެސް ކުރަންޖެހޭކަމެއް. އެހެންނަމަވެސް، ތަޢުލީމަކީ އެއާނުލައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކީއްކުރަންތޯ އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެ ކަމަކަށްވާތީ، ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދެނީ. މާލޭގައި މާލޭގެ ދަރިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ސަރުކާރުން ހޯދައިދީފައިވާ ފަދައިން، ރާއްޖެތެރޭގެ ދަރިންނަށްވެސް ރާއްޖެތެރޭގައި ތިބެގެން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ސަރުކާރުން ހޯދައިދޭން ޖެހޭނެކަން އެއީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް. އެހެންވީމާ، މި ދެންނެވި މަޝްރޫޢުގައި، ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް ނުވަތަ އިބްތިދާއީ މަދަރުސާއެއް ހިންގުން ހިމެނިފައި އޮތީ.

އާދެ، އަޅުގަނޑުވެސް އެއްބަސް، ކޮންމެ އަތޮޅެއްގައި އެއް މަދަރުސާ ހުރެގެން އަދި އެ އަތޮޅުގެ ދަރިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައެއްނުދެވޭނެކަން. ހުރިހާ ކުދިންނަކަށް ހޯދައެއްނުދެވޭނެކަން. އެކަމަކު، ކޮންމެ ކަމެއްވެސް ކުރެވޭނީ، އެކަމެއް ކުރެވެން އޮތް މިންވަރަކުން ކަމަށްވާތީ، އެއީ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައި ސަރުކާރުން ކަނޑައެޅީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ދެންނެވި މަދަރުސާގެ އިތުރަށް، ސަރުކާރުގެ ފަރާތުން އެހީ ހޯދައިގެން އެހެން މަދަރުސާތައްވެސް މިހާރު ހަދަމުންގެންދާކަން. ބައެއް އެކުވެރި ޤައުމުތަކުގެ އެހީގައި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މިހާރުވެސް މަދަރުސާތައް ބިނާކޮށް، އެ މަދަރުސާތައް ހުޅުވައި، އެތަންތާނގައި ކިޔަވައިދެމުން އެބަގެންދެވޭ. ހަމައެފަދައިން ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒެއްވެސް ބިނާކުރެވެމުންދަނީ. މި އަތޮޅުގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަހުރި. މީދޫގައި. އަޅުގަނޑު އިއްޔެ އެ ރަށަށް ޒިޔާރަތްކޮށް، އެތަން ބަލައިލައި ހެދިން. އެހެންވީމާ، އެއީވެސް ތަޢުލީމު ފެތުރުމަށްޓަކައި ސަރުކާރުން މި ދެންނެވި މަޝްރޫޢުގެ ދަށުން ކުރަމުންގެންދާ ކަމެއް.

އެ މަޝްރޫޢުގައި ތަޢުލީމު ފިޔަވައި އެހެންވެސް ވަރަށްގިނަ ކަންތައްތައް އެބަހުރި. އެކި ރަށްރަށަށް ބޭނުންވެފައި ހުންނަނީ އެކި ބާވަތުގެ ކަންތައްތައް. ބައެއް ރަށްރަށަށް ބޭނުންވަނީ އެންމެބޮޑަށް، އަލަށް މިސްކިތެއް ހެދުން ނުވަތަ ރަށުގެ މިސްކިތް ބާވެފައި ހުރުމުގެ ސަބަބުން އެ މިސްކިތް މަރާމާތު ކުރުން، ނުވަތަ ރަށުއޮފީސް އަލަށް ޢިމާރާތް ކުރުން. ނުވަތަ މަރާމާތު ކުރުން. ފަޅުތެރެ ކޮނުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް ހުރުން. ރަށަށް ބޭނުންވާ މުވައްޒަފުން އިތުރުކޮށްދިނުން. މިކަހަލަ ކިތަންމެ ކަމެއް އޮންނަނީ ކޮންމެ ރަށަކަށްވެސް ބޭނުންވެފައި. އެކަންތައްތައް ބޭނުންވެފައިވާ ގޮތަށް ވިސްނާފައި އެންމެބޮޑަށް، އެންމެ އަވަހަށް، ޚިދުމަތްތައް ބޭނުންވާ ތަންތަނަށް ސަރުކާރުން އެ ޚިދުމަތްތައް ފުރަތަމަކޮށްދެމުން މިގެންދަނީ. އެއީ އެ ހުރިހާ ކަމަކީވެސް ވަރަށްބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަންކަމަށްވާތީ، އެ ހުރިހާ ކަމެއް އެއްފަހަރާ ހުރިހާ ރަށެއްގައި ފެށެން ނޯންނާނެތީ.

އާދެ، މި ރަށަށްވެސް އެގޮތުން ހަމަޖެހިފައި އޮތް ކަމެއް އެބައޮތް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދެ ކަމެއް ހަމަޖެހިފައި އެބައޮތް. އެއްކަމަކީ މިސްކިތެއް ޢިމާރާތް ކުރުން. އެ މިސްކިތުގެ ބިންގާ އެޅުނުތާ މިހާރު ދުވަސްކޮޅެއްވެއްޖެ. މަސައްކަތްވެސް ކޮންމެވެސްވަރަކަށް ހިނގާފައި، މިހާރު އޮތީ ވަގުތީގޮތުން ނަމަވެސް މަސައްކަތަށް ހުއްޓުމެއް އައިސްފައި. އަޅުގަނޑު އެ މިސްކިތް މިހާރު ގޮސްފައިވާ ހިސާބު ދެންމެ ބަލައިލިން. އާދެ، އެއީ ވަރަށް އަވަހަށް ކުރިއަށް ގެންދަވަންވާނެ މަސައްކަތެއް. އަޅުގަނޑު މިރަށުގެ ކަތީބުކުރެން ސުވާލުކޮށްލިން، ކީއްވެތޯ މިސްކިތް މާހަލުވިކޮށް ކުރިޔަށްނުދަނީ. އެއީ އެހެން ރަށްރަށުގައި މިސްކިތުގެ ބިންގާއެޅޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި މިސްކިތް ނިންމާފައި އެބަހުރި، ކިތަންމެ ރަށެއްގައި.

މަޑުއްވަރިއަކީ މީހުން ގިނަ ރަށެއް. މީހުން ހުޝިޔާރު، ހީވާގިމީހުން ދިރިއުޅޭ ރަށެއް. މަސައްކަތްތެރި ބައެއް އުޅޭ ރަށެއް. އެހެންވީމާ، މިރަށުގައި މިސްކިތް އެހާގިނަ ދުވަހު ނުނިމި ހުރުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ ސަރުކާރުން އެހުރިހާ ޚަރަދެއް ދޭގޮތަށް ހަމަޖެހި ނިމިފައި އޮތުމާއެކު، އެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރިޔަށް ގެންދަވަން. މިރަށުގެ ކަތީބު ބުނުއްވީ ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމިދާނެއޭ. އަޅުގަނޑު ދެންނެވީ ދެމަހެއް ނޫނޭ. އެންމެ ރަނގަޅޭ ހަތަރުމަސް ދުވަހުގެ ތެރޭގައި ނިންމަވާށޭ. އެކަން އަޅުގަނޑު ހިތުން ރައްޔިތުންގެ ހުރިހާ މީހުން އެއްބައިވެގެން ކުރައްވައިފިއްޔާ އެއީ ރަށަށް ލިބޭ ވަރަށްބޮޑު ތަރައްޤީއަކަށްވާނެ.

ދެން އޮތީ ފަޅުކޮނުން. ފަޅު ކޮނުމުގެ މަސައްކަތަށް ސަރުކާރުން ފައިސާވަނީ ހިސާބަކަށް ދޫކޮށްފައި. ފަޅުކޮނުމަކީ ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށަށް ބޭނުންވާ ކަމަކަށްވާތީ ސަރުކާރުން ހަމަޖައްސާފައިވާ އުސޫލަކީ، ކޮއްތު ދިނީމާ ރައްޔިތުން އެކަން ކުރާގޮތަށް ހަމަޖައްސާފައި އޮތުން. ވަރަށްގިނަ ރަށްރަށުގައި އެ މަސައްކަތް އެގޮތަށް ކުރެވެމުން އެބަދޭ. މިރަށަކީ އޭގެތެރެއިން އެއް ރަށް. މިރަށަށްވެސް ވަކިވަރަކަށްވަނީ ފައިސާ ދޫކުރެވިފައި. ކޮންމެވެސްވަރަކަށް އަޅުގަނޑު ހިތުން އެ މަސައްކަތް އޮންނާނީ ހިނގާފައި. އެހެންވީމާ، އެ މަސައްކަތްވެސް ހަލުވިކޮށް ކުރިޔަށް ގެންދެވުމަކީ، ރަށުގެ ރައްޔިތުންނަށް އެއިން ފަސޭހަތަކެއް ލިބޭނެކަމެއް.

އަޅުގަނޑު ކުރިން ދެންނެވި މަޝްރޫޢުގައި ތަޢުލީމު ކުރިޔަށް ގެންދެވުމުގެ ގޮތުން ނުވަތަ ތަޢުލީމަށް ސަރުކާރުންވެދޭ އެހީއެއްގެ ގޮތުން، މެދުނުކެނޑި ދިހަ އަހަރުވެފައި ހުންނަ ތަންތަނަށް ސަރުކާރުން އެހީވެދޭ އުސޫލެއް އޮވޭ. އެ އުސޫލުގެ ދަށުން ރާއްޖޭގެ ވަރަށްގިނަ ތަންތާނގައި، ވަރަށްގިނަ ރަށްރަށުގައި ހުންނަ އަމިއްލަ މަކުތަބުތަކަށާއި މަދަރުސާތަކަށް މިހާރު ސަރުކާރުންދަނީ ފައިސާގެ އެހީވަމުން. އެގޮތުން މިރަށުގައި ހުރި ސުކޫލް އެއީވެސް މެދުނުކެނޑި ދިހަ އަހަރު ވަންދެން ހިނގާފައިވާ ތަނަކަށްވާތީ، އެތަނަށް ސަރުކާރުގެ އެހީ މިހާރު ދަނީ ލިބެމުން. ހަމައެފަދައިން، އެ އެހީގެ އިތުރަށް، މުދައްރިސެއްގެ މުސާރަވެސް ވަނީ ސަރުކާރުން ހަމަޖައްސައިދީފައި. އެއީ، މުދައްރިސުން ހޯދައިދިނުމަކީ މާފަސޭހަ ކަމަކަށްނުވާތީ. ރާއްޖޭގެ ހުރިހާ މަކުތަބުތަކަށާއި، މަދަރުސާތަކަށް ސަރުކާރުން މުދައްރިސުން ލައިދިނުމަކީ އެއްގޮތަކަށްވެސް މިވަގުތު އަދި ކުރެވެން އޮތް ކަމެއްނޫން. އެއީ މުދައްރިސުން ތަމްރީނު ކުރުމަކީ ވަރަށްބޮޑު މަސައްކަތެއް. އަޅުގަނޑުމެންނަށް ބޭނުންވާ އަދަދަކަށް އެކަން ކުރިޔަކަށް ނުގެންދެވޭ. އެހެންވީމާ، މިވަގުތަށް ބައެއް ރަށްރަށުގައި ހަމަޖެހިފައި އޮތީ، ސަރުކާރުން މުސާރަ ދިނީމާ، އެރަށެއްގެ ބަޔަކު މުދައްރިސަކު ހޯދުން. އެގޮތުން މިރަށަށްވެސް އެކަން ހަމަޖެހިފައި އޮތީ.

އާދެ، ކޮންމެއަކަސް، އަޅުގަނޑުގެ ވާހަކައަކީ، ސަރުކާރުން މިވަގުތަށް ވެވެންއޮތް ހުރިހާ އެހީއެއް ދަނީ ވަމުންނޭ. އެހެންވީމާ، އެހީތަކުގެ ބޭނުން ކުރައްވައިގެން ރަށަށް ފައިދާ ހުރި ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދެވުމަކީ ރަށުގެ ރައްޔިތުންގެ ކަމެކޭ. ރައްޔިތުންނާއި ވެރިން އެއްބައިވެގެން ކަންތައްތައް ކުރިޔަށް ގެންގޮސްގެން ނޫނީ ސަރުކާރުން ކިތަންމެ ޚަރަދެއް ކުރިޔަސް، ކިތަންމެ މަޝްރޫޢުތަކެއް ރޭވިޔަސް، ކިތަންމެ ގޮތްތަކެއް ކަނޑައެޅިޔަސް، އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއޭ. އެކަން އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ވަޒަން ކުރެއްވޭނެ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މަޑުއްވަރިއަކީ ވަރަށް ހީވާގި މަސައްކަތްތެރި ބައެއް ދިރިއުޅޭ ރަށެއް. މިރަށުގެ މީހުންގެ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. ނުވަތަ މަސްވެރިކަމާ ގުޅިފައި ހުންނަ މަސައްކަތްތައް. އެ މަސައްކަތްތައް ފުދޭވަރަކަށް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އެކަމުން ރަށަށް އާމްދަނީވެސް ލިބެމުންދޭ. އެ މަސައްކަތް ކުރާ މީހުންނަށްވެސް އާމްދަނީ ލިބެމުންދޭ. ފިރިހެނުންނެކޭ އެއްފަދައިން މިރަށުގެ އަންހެނުންނަކީވެސް ވަރަށް ހީވާގި، މަސައްކަތްތެރި ބައެއް. އެކަން ވަރަށް ޚާއްޞަކޮށް އަޅުގަނޑަށް މިރަށުން ފާހަގަކުރެވިއްޖެ. މިރަށުގެ އަންހެނުންގެ އަމިއްލަ މަސައްކަތުން އެމީހުންގެ ދެ އަވަށުގައި، މިދެންނެވީ މިރަށުގައި އޮންނަ ދެ އަވަށުގައި، ހުޅަނގު އަވަށާއި، ދެކުނު އަވަށުގައި ދެ މިސްކިތް، އަންހެނުންގެ ދެ މިސްކިތް ޢިމާރާތް ކުރަމުން އެބަގެންދޭ. އެއީ ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރާކަމެއް. އަންހެނުންގެ މަސައްކަތް، ރަށުގެ ތަރައްޤީއަށްޓަކައި އެގޮތަށް ލިބެމުންދާކަން. އާދެ، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ދޯނިފަހަރު އެހެލައިދީ، އެކި ކަހަލަ އެއްޗެތި އެއްތަނުން އަނެއްތަނަށް ގެންގޮސްދީ، މިކަހަލަ އެތައް މަސައްކަތްތަކެއް ކޮށްގެން، އަންހެނުން، އެމީހުންގެ މިސްކިތްވެސް ހަދަމުން އެ ގެންދަނީ. އެކަމަށްޓަކައި މިރަށުގެ އަންހެނުންނަށް ހިފެހެއްޓުމެއްނެތް ތަޢުރީފާއި ޝުކުރު އަޅުގަނޑު ރައްދުކުރަން.

އާދެ، ތަޢުލީމުގެ ވާހަކަ ދައްކާއިރު، އަސާސީ ތަޢުލީމުގެ ވާހަކަވެސް ދައްކަންޖެހޭ. އަސާސީ ތަޢުލީމަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ތަޢުލީމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް ސަރުކާރުން އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ރާވައިގެން ހިންގަމުންގެންދާ މަޝްރޫޢެއް. މީގެކުރީގައި ކަންތައްތައް އޮތްގޮތުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކީ އެއްވެސް މަދަރުސާއަކަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ ބައެއް ނޫން. އެހެންވީމާ، އެމީހުންގެ ކިޔަވާޢުމުރު ވޭތުވެފައިވަނީ އެއްވެސް ތަޢުލީމެއް ނުލިބި. އެމީހުންނަށް ފުދޭ މިންވަރަކަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، އަދި އެނޫންވެސް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު އެމީހުންނަށް ހާސިލުކޮށްދިނުމަށްޓަކައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފަށައިގެން ހިންގަމުން ގެންދަނީ. އެއީ ހަމަ ހިލޭ، އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާ މަޝްރޫޢެއް. އެކަމަށްވެސް ރައްޔިތުން ވަރަށްބޮޑަށް ސަމާލުކަން ދެއްވައިގެން ތަރުޙީބު ދެއްވައިގެން އޭގައި ބައިވެރިވެވަޑައިގަތުމަކީ، ކޮންމެހެން ބޭނުންކަމެއް. ސަރުކާރުން އެކަންތައް ކުރަމުން ގެންދިޔަޔަސް އެކުލާސްތަކަށް ދާނެ މީހުން ނުވާކަމަށްވަންޏާ، އެ މަޝްރޫޢު ކިތަންމެ މުހިންމު މަޝްރޫޢަކަށްވިޔަސް، އެއިންލިބޭ ފައިދާއެއް ނޯންނާނެ. މިކަމުގައިވެސް ގިނަ ރަށްރަށުގައި ފާހަގަކުރެވެނީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން އެކަމުގައި ހަރަކާތްތެރިވާކަން. އާދެ، އެއީ އެމީހުންގެ މަސައްކަތްތައްވެސް ހަމަޖެހިފައި އޮންނަގޮތުން ކަމަށްވެސް ވެދާނެ. ފިރިހެނުންނަކީ ގިނައިން ރަށުގައި ނޫޅޭ ބަޔަކަށްވެފައި މަސްވެރިކަމާއި، އަދި އެނޫންވެސް ކަންކަމަށްޓަކައި ރަށުންބޭރަށް ދާންޖެހޭ ބަޔަކަށްވާތީ، އެމީހުންނަށް ކުލާސްތަކަށް ގަވާއިދުން ނުދެވެނީ ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، އެމީހުންވެސް ވަރަށްބޮޑަށް ވިސްނަންޖެހޭނެ، މި ފުރުޞަތަކީ ވަރަށް މުހިންމު ފުރުޞަތެއްކަން. އެއްވެސް ޚަރަދެއްނުކޮށް ތިމާޔަށް މަޢުލޫމާތުތަކެއް ލިބި، ތިމާގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ހޯދައިދީފައިވާ ފުރުޞަތެއްކަން. އެހެންވީމާ، އެފުރުޞަތުގެ ބޭނުންކުރުމަށް ހުރިހާ އެންމެންވެސް އަވަސްވެގަންނަންވާނެ.

އާދެ، މިއަހަރަކީ ދަނޑުވެރިކަމާއި، ގަސްއިންދުމުގެ އަހަރު ކަމުގައި ސަރުކާރުންވަނީ އިޢުލާނުކޮށްފައި. އެހެންވީމާ، އެ މަސައްކަތަށްވެސް ރާއްޖޭގެ ހުރިހާ އެންމެންގެ އެއްބާރުލުން ސަރުކާރަށް ވަރަށްބޮޑަށް ބޭނުންވޭ. މި ރަށަކީ މިރަށުގެ މީހުން ގިނަކަމާއެކު، ރަށުގައި އެބާވަތުގެ މަސައްކަތެއް ކުރެވޭ ކަހަލަ ރަށެއް ނޫން. އެހެންނަމަވެސް، މިރަށުގެ މީހުން ޚާއްޞަކޮށް އަންހެނުން އެހެން ރަށްރަށަށް ގޮސްގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންގެންދާކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެ މަސައްކަތް މިއަހަރު ވަރަށް ޚާއްޞަގޮތެއްގައި މިރަށުގެ ރައްޔިތުން، ޚާއްޞަކޮށް އަންހެނުން ކުރިޔަށް ގެންދަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އާދެ، މިރުސް، ބަރަބޯ، ކަރާފަދަ ތަކެތި ހައްދައިގެން މިހާރުވެސް ރަށަށް އާމްދަނީ ލިބެމުންދޭ. އެހެންވީމާ، އެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބަލައިގެން، މިހާރަށްވުރެ އެ ލިބޭ އާމްދަނީއެއް އިތުރުކުރެވޭތޯ ބެލުމަކީ، އަޅުގަނޑުހިތުން ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހެއްގެ ދިރިއުޅުން މިހާރަށްވުރެ ބޮޑަށް ތަނަވަސްވާން. މިހާރު އެ ދިރިއުޅޭ ފެންވަރަށްވުރެ ރަނގަޅު ފެންވަރަކަށް ދިރިއުޅެމުން ގެންދެވޭގޮތެއް މެދުވެރިވާން. ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހެއްގެ ގެދޮރު ހަދާލަން. އެމީހެއްގެ ކުދިންނަށް ތަޢުލީމުދޭން. ބަލިވެއްޖެއްޔާ ބޭސްކޮށްލަން. އަދި އެނޫންވެސް ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ކަންތައްތައް ފުއްދަން. މި ހުރިހާ ކަމެއް ކުރެވޭނީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުވެގެން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެފަދައިން، ބާޒާރުގައި ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެއީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫން. ދުނިޔޭގައިވެސް އެކަން ވަމުންދާގޮތް.

އެހެންވީމާ، ތަކެތީގެ އަގު ބޮޑުވަމުން ދިޔަވަރަކަށް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވަމުން ނުދަންޏާ އަޅުގަނޑުމެން އެއްދުވަހުން އަނެއްދުވަހަށް ދާނީވެސް ފަހަށް. ފަހަތަށް ޖެހެމުންދާނީ. ދިރިއުޅުމުގެ ފެންވަރުވެސް ދާނީ ދަށަށް. މިހާރު މިތިބަ ފެންވަރުން އަޅުގަނޑުމެންގެ ދިރިއުޅުން ކުރިޔަށް ގެންދެވޭނީވެސް މިހާރު ލިބޭ އެއްޗަކަށްވުރެ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން. އަދި އެއާ ޚިލާފަށް މިހާރު ދިރިއުޅެމުންދާ ފެންވަރަށްވުރެ މަތީ ފެންވަރަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ގެންދަން ބޭނުންވާ ކަމަށްވަންޏާ އަދި އިތުރަށް މަސައްކަތް ކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް ވާހަކަ ދައްކަމުން އެންމެބޮޑަށް ބާރުއަޅާ ނުކުތާއަކީ ކޮންމެ މީހަކުވެސް ދިރިއުޅުމަށް ކުރާ މަސައްކަތް އިތުރުކޮށް، އިތުރުގަޑި އެ މަސައްކަތުގައި ހޭދަކޮށްގެން، އިތުރު ފަރުވާތެރިކަމެއް ބަހައްޓައިގެން، އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރަމުން ގެންދިޔުން. އެއީ ހަމަ ކޮންމެހެން އެންމެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، ދިރިއުޅުމުގެ ފެންވަރު މާއްދީގޮތުން ކުރިޔަށް ގެންދާއިރު، އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. اللّـه سبحـانـه وتعـالى އެކަލާނގެ ހިދާޔަތު ދެއްވުމުގެ ފުރިހަމަ މަތިވެރި ނަސީބު ލިބިފައިވާ ބައެއް. އެހެންވީމާ، އެކަން ވަރަށްބޮޑަށް އަޅުގަނޑުމެން ހަނދާންކުރަންވާނެ. އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއްވެސް ހުންނަންވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން. އާދެ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ހުރިހާ މުސްލިމުންނަށްވެސް ރަނގަޅަށް އެނގޭ. ނަމާދުކުރުން، ރޯދަހިފުންފަދަ ކަންތައްތައް. ދީނުގެ އެކިއެކި ފަރުޟުތައް، އެކަންތައްތައް ބަރާބަރަށް ކުރަންޖެހޭނެ. ހަމައެއާއެކު، ދީނުގައި މަނާކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވާންވާނެ، އެއިން ކަމަކާ ކައިރިވެގެން ނުވާނެ. އެއީ، އަޅުގަނޑުމެންގެ އަމިއްލަ މަންފާއަށާއި، މުޖުތަމަޢުގެ މަންފާއަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަމެއް. ފަހަރެއްގައިވެސް އެއީ، އެއިން ފަރާތެއްގެ ލާބައަކަށް ނުވަތަ ފައިދާއަކަށް ދީނުގައި ކަނޑައެޅިފައިވާ ކަންކަމެއް ނޫން. ނަމާދުކުރުމުން، ރޯދަ ހިފުމުން، ލިބޭ ފައިދާއާއި ލާބަ ލިބޭނީވެސް އެކަން ކުރާ މީހަކަށް. އަދި އެމީހާ އެ ދިރިއުޅޭ މުޖުތަމަޢަކަށް. ހަމައެފަދައިން، ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމުންވެސް އެލިބޭ ފައިދާއެއް ލިބޭނީ އެގޮތަށް. އެ ޢަމަލުކުރާ މީހަކަށާއި، އަދި އެމީހާ އެ ދިރިއުޅޭ މުޖުތަމަޢަކަށް. އެހެންވީމާ، މިކަންކަން ރަނގަޅަށް އަޅުގަނޑުމެން ހަނދާން ކުރަންވާނެ.

ހަމައެފަދައިން، އިސްލާމްދީނުގައި، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ގުޅުންކަން އަންގަވާފައިވާތީ، އެކަމަށްވެސް ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭނެ. އަޅުގަނޑުމެންނަކީ އަޚުންތަކެއް، އެއްބަނޑުއެއްބަފާ ބައެއް، މުސްލިމުން. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަކަހަލަ ގުޅުންތަކާއި މުޢާމަލާތު. އެއްވެސް ޙާލެއްގައި ތިމާ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެގެނެއް ނުވާނެ. އެހެން މީހުންނަށް އުނދަގޫކޮށް، އަނިޔާކޮށް، ނުވަތަ އެނޫން ގޮތްގޮތުންވެސް އުނިކަންލިބޭފަދަ ކަންކަން ކޮށްގެނެއް ނުވާނެ. ތިމާމެންކުރެ ކޮންމެ މީހަކުވެސް އެދޭނީ އެހެން މީހުންވެސް ތިމާއާ ދޭތެރޭގައި އޯގާވެރިކޮށް ކަންތައްކުރަން، ރަނގަޅަށް ކަންތައްކުރަން. ތިމާއަށް އެއްވެސްކަހަލަ ދައްޗެއް އުނދަގުލެއް ނުވަތަ އަނިޔާއެއް އެހެން މީހެއްގެ ފަރާތުން ލިބުމަކަށް ތިމާ ނޭދޭނެ. ހަމައެގޮތަށް އެހެން މީހުންވެސް ނޭދޭނެF ތިމާގެ ފަރާތުން މި ދެންނެވިކަހަލަ އެއްވެސް ކަމެއް މެދުވެރިވާކަށެއް. އެހެންވީމާ، ކޮންމެ މީހަކުވެސް އެކަން ރަނގަޅަށް ހަނދާންކޮށްގެން، އެމީހެއްގެ ދިރިއުޅުމުގެ ކަންތައްތައް ބަހައްޓަންވާނީ. އެއްގޮތަކަށްވެސް ދީނުގައި އަންގަވާފައިވާ އުޚުއްވަތްތެރިކަމުގެ އުސޫލާ ޚިލާފުވާގޮތަކަށް ތިމާގެ އެއްވެސް ޢަމަލެއް ހުރެގެނެއް ނުވާނެ. އެހެންކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާވެސް އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.

އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމާއި، ރުޅިވެރިކަމާއި، ދެކޮޅުވެރިކަން އުފެދިއްޖެނަމަ، ކިތަންމެ މަސައްކަތެއް ދިރިއުޅުން ތަރައްޤީކުރަން ކުރިކަމުގައިވިޔަސް އެ މަސައްކަތުގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ ހަމަ ވަރަށްބޮޑު ޙަޤީޤަތެއް، ތެދެއް. އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން އެކަމުގެ ހެކިތައް އަޅުގަނޑުމެންނަށް ފެންނަން ހުރި ކަމެއް. ކިތަންމެ މަދު ބައެއްގެ ތެރޭގައިވެސް ދެކޮޅުވެރިކަން އުފެދިއްޖައީވިއްޔާ، އެބައެއްގެ ހަލާކު އެބައެއްގެ އަތް މައްޗަށް އެއައީ. އެހެންވީމާ، އެކަހަލަ ކަންތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ ވަރަށްބޮޑަށް. އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް، ޙަސަދަވެރިކަމެއް، ފިތުނަވެރިކަމެއް، އަޅުގަނޑުމެންގެ މެދުގައި އަޅުގަނޑުމެންގެ ރަށުގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮވެގެންނުވާނެ. އެންމެންވެސް ވާންޖެހޭނީ އެކުވެރި ބަޔަކަށް. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބަޔަކަށް. ކޮންމެ ކަމެއްގައިވެސް އެއްބަޔަކު އަނެއްބައެއްގެ ޙާލު ދެކެ އެހީތެރިކަން ބަހައްޓައި، އޯގާތެރިކަން ބަހައްޓައި، އެކުވެރިވެގެން ކަންތައްކުރާ ބަޔަކަށް.

އާދެ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު މިދެންނެވި ވާހަކަތައް މަޑުއްވަރީގެ ރައްޔިތުން އިޚުލާޞްތެރިކަމާއެކު ޤަބޫލުކުރެއްވުން. އަދި އެއާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، މަޑުއްވަރީގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަން. އަޅުގަނޑުގެ ދުޢާއަކީ ސަރުކާރާއި ރައްޔިތުން އެކުވެގެން، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެ ކުރަމުންގެންދާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ބަރަކާތްލައްވައި، އެ މަސައްކަތުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ދެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.