بســم اللّـه الرّحمـن الرّحيــم

الحمـدللّه رَبِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.

އާދެ، މާޅޮސްމަޑުލު އުތުރުބުރިއަށް މިއަދު އަޅުގަނޑު ކުރަން މިފެށި ދަތުރުގައި ދެވަނައަށް އެރަށަކަށް އައުމުގެ ފުރުޞަތު އަދި އުފާ އަޅުގަނޑަށް މި ލިބުނީ މިރަށަށް. ފައިނަށް. އެހެންކަމަށްވުމާއެކު، ފައިނުގެ ރައްޔިތުންނަށާއި ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދިވެހި ދައުލަތުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުންތައް ރައްދުކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކު، ފައިނުގެ ވެރީންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު، ވަރަށް އިޚްލާޞްތެރި، ތެދުވެރި، ތަރުޙީބަށްޓަކައިވެސް މިރަށުގެ ވެރިންނަށާއި، ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަންޖެހޭ.

ޝައްކެއްނެތް، ރަށަކީ މާބޮޑު ރަށެއް ނޫން. މީހުންގެ އަދަދުވެސް މަދު ރަށެއް. އެހެންނަމަވެސް، ވަރަށް ފުރިހަމަ ގޮތެއްގައި މިއަދަށްޓަކައި މިރަށް ވަނީ ޒީނަތްތެރިވެފައި. ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިފައި. އެއިން އަޅުގަނޑަށް ދޭހަވާ މާނައަކީ ފައިނުގެ ރައްޔިތުންގެ ހިތުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. އެކަމަށްޓަކައިވެސް މިރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑު މިއަދު ކުރަން ޖެހިފައިވާ ކަމެއް. ނުވަތަ އެކަން ކުރުމަކީ އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބޭކަމެއް.

އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް، އެރަށްރަށުގެ އަހުލުވެރިންނާއި އެރަށްރަށުގައި ދިރިއުޅޭ މީހުންނާ ހަމަ ސީދާ ބައްދަލުކޮށްލުން، އެއީ މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ. ހަމައެއާއެކު، ރާއްޖެތެރޭގައި ރައްޔިތުން ދިރިއުޅެމުންދާ ގޮތްތައް ބަލައި، އެމީހުން ކުރާ މަސައްކަތްތައްވެސް ބަލައި، އެމީހުންނަށް ދިމާވާ ދަތިތައް ފިލުވައިދެވޭތޯ މަސައްކަތްކުރުން އެއީ ހަމަ މިދަތުރުތަކުގެ އަނެއް މަޤްޞަދު. މިކަމަށްޓަކައި މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ އޮނަވިހި އަތޮޅުގެ ތެރެއިން އަށާރަ އަތޮޅަށް އަޅުގަނޑަށްވަނީ ޒިޔާރަތްކުރެވިފައި. މިއީ އެންމެފަހު އަތޮޅު. މިއަތޮޅަށްވެސް އަޅުގަނޑު ޒިޔާރަތްކުރަން ޤަޞްދުކޮށްފައި ކުރިން އޮތީ މިދިޔަ އަހަރުގެ ތެރޭގައި. އެހެންނަމަވެސް، ކަންތައް ދިމާވިގޮތުން ޚާއްޞަކޮށް، މޫސުން ނުބައިވުމުގެ ސަބަބުން އެދަތުރު، މިދިޔަ އަހަރު ނުކުރެވުނީ. ކޮންމެއަކަސް މިއަތޮޅަށް އައުމަކީ، އެހެންވީމާ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން މިއަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރަން އަޅުގަނޑު މިއަދު މިފެށީ. ފައިނަކީ މީގެކުރިން މިއަތޮޅުގައި ވަރަށް މަޝްހޫރު ރަށެއް. އެއް ޒަމާނެއްގައި އަތޮޅުވެރިކަން ކުރި ރަށެއް. އެކަން އެހެން އޮތުމުންވެސް، ރަށުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. މިއަދު އަތޮޅުވެރިކަން، އެހެން ރަށަކަށް ބަދަލުވެފައި އޮތްކަމުގައިވިޔަސް، ފައިނަކީ ހަމަ ފައިނު. ރަށުގެ މުހިންމުކަމުން ކުޑަތަންކޮޅެއްވެސް އުނިވެގެނެއް ނުދޭ.

އާދެ، ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީކުރުން އެއީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭކަމެއް. އެކަމަށްޓަކައި ޚާއްޞަ މަޝްރޫޢެއް ރާވައިގެން މަސައްކަތް ކުރަމުން ގެންދާތާ މިހާރު ދެތިން އަހަރު ވެއްޖެ. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ ރަށްރަށުގައި އެކިބާވަތުގެ ކަންތައްތައް ވަނީ ފެށިފައި. ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާއެއް ސަރުކާރުގެ ޚަރަދުގައި ހިންގާ. އަދި އެކި ރަށްރަށުގައި އަލުން މިސްކިތްތައް ޢިމާރާތްކޮށް، އޮފީސްތައް ޢިމާރާތްކޮށް ނުވަތަ މިސްކިތްތަކާއި އޮފީސްތައް ބާވެފައި ހުންނަ ތަންތާނގައި، އެރަށްރަށުގެ މިސްކިތްތައް މަރާމާތުކޮށް، އޮފީސްތައް މަރާމާތުކޮށް ހެދުން ހިމެނޭ. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން ހިމެނޭ. ރަށްރަށަށް މުވައްޒަފުން އިތުރުކުރުން ހިމެނޭ. ބައެއް ރަށްރަށަށް ލަފައިފުރައި އުޅުމަކީ ވަރަށް ދަތިކަމަކަށްވާތީ، އެ ރަށްރަށުގެ ފަޅުކޮނުން، މި މަޝްރޫޢުގައި ހިމެނޭ. ނުވަތަ ނެރުގޮއްވުން ހިމެނޭ. މިގޮތުން ވަރަށް ގިނަ ކަންތައްތައް ރާއްޖެތެރެ އިޞްލާޙުކޮށް ކުރިޔަށް ގެންދިޔުމުގެ އެ މަޝްރޫޢުގައި ހިމެނިފައިވޭ.

އާދެ، މިރަށަށްވެސް މި ދެންނެވި މަޝްރޫޢުގެ ދަށުން ވަނީ ކަމެއް ހަމަޖެހިފައި. އޭރު ހަމަޖެހުނުއިރު އޮތީ މިރަށުގައި ހުރި ހުކުރު މިސްކިތް، އެއީ ވަރަށް ބައު މިސްކިތަކަށްވާތީ، މިސްކިތް މަރާމާތުކޮށްދިނުން، ސަރުކާރުގެ ޚަރަދުގައި. އެހެންނަމަވެސް އެ މިސްކިތަކީ އެއްގޮތަކަށްވެސް މަރާމާތުކޮށްގެން ފަރުޖެހޭވަރަށްވުރެ މާބޮޑަށް ބާވެ ވީރާނާވެ، ހަލާކުވެފައި ހުރި މިސްކިތަކަށްވާތީ، މިހާރު ސަރުކާރުން ޤަޞްދުކުރަނީ ހަމަ މިދެންނެވި މަޝްރޫޢުގެ ދަށުން މިރަށުގައި އަލުން މިސްކިތެއް، ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކޮށްދިނުމަށް. އެހެންވީމާ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އިރާދަކުރެއްވިއްޔާ މިރަށުގައި ހުކުރު މިސްކިތެއް ޢިމާރާތް ކުރެވޭނެ.

އާދެ، ދެން އަޅުގަނޑުމެން ބަލައިލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް ތަރައްޤީ ކުރުން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް ދިރިއުޅެމުން ގެންދަނީ، އެރަށެއްގައި ކުރެވެންހުރި މަސައްކަތްތަކެއް ކޮށްގެން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ރާއްޖެއެއް. ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން އެންމެބޮޑަށް ކުރާ މަސައްކަތަކީ މަސްވެރިކަމުގެ މަސައްކަތް. އެއީ އިންޖީނު ދޯނިފަހަރުގައި މިހާރު މަހަށްފުރުން ކަމުގައިވިޔަސް ނުވަތަ ވަދުދޯނިފަހަރުގައި މަހަށްދިޔުން ކަމުގައި ނުވަތަ އެނޫން ގޮތްގޮތުންވެސް ކުރާ މަސްވެރިކަން ކަމުގައިވިޔަސް، އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކީ. ފައިނަކީވެސް އެގޮތުން ބަލާއިރު މަސްވެރިކަން ކުރަމުން ގެންދާރަށެއް. މިވޭތުވެދިޔަ ދުވަސްކޮޅުގެތެރޭގައިވެސް ފުދޭވަރަކަށް މަސްވެރިކަން ކުރެވުނުކަން އަޅުގަނޑަށް ވަނީ އެނގިފައި. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މަސްވެރިކަންވެސް ތަރައްޤީކުރުމަށްޓަކައި މިރަށުގެ ރައްޔިތުންވެސް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުން. މިރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ބުރަ މަސައްކަތްތައް. އެކަމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ މަޝްރޫޢުތަކުގެ ގިނަކަން. މަސްވެރިންގެ ދުވަހެއް މިހާރު ކޮންމެ އަހަރަކު އާދޭ. އެދުވަހުގެ ބޭނުމަކީވެސް މަސްވެރިންނަށް ތަނަވަސްކަން ހޯދައިދިނުން. މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެޅެންހުރި ފިޔަވަޅުތައް ހޯދައި، އެފިޔަވަޅުތައް އަޅަމުން ގެންދިއުން. އެހެންވީމާ، މިރަށުގައިވެސް އެ ކުރެވެން ހުންނަ ޒާތުގެ މަސްވެރިކަން، މިހާރަށްވުރެ ރަނގަޅަށް ކުރެވޭތޯ ބައްލަވަމުން ގެންދަވަން ވާނެ.

އޭގެ އިތުރަށް، މިރަށަކީ ދަނޑުވެރިކަންވެސް ކޮށްއުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ. އާދެ، މިދިޔަ އަހަރު ކަރާ، ބަރަބޯ، އެފާޑުގެ އެއްޗެތި އިންދައި ހެދި. މިއަހަރު ރަށުގެ ރައްޔިތުން ގަސްދުކުރައްވަނީ ބިންބި ހައްދަވަންކަން އަޅުގަނޑަށް ދެންމެ މަޢުލޫމާތު ލިބުނު. އެއީ ވަރަށް ރަނގަޅު މަސައްކަތެއް. އެމަސައްކަތް ކުރިޔަށް ގެންދިޔުމަކީ އަޅުގަނޑު ހިތުން ރަށުގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް. އަދި ތިޔަ ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ، މިއަހަރަށް ފެށުނު ރޭ. އާދެ، 1983 ވަނަ އަހަރަށް އަޅުގަނޑުމެން ކުރިމަތިލީރޭ، އެރޭގެ މެންދަމުން އަލިވި ވަގުތު އަޅުގަނޑު މުޅި ޤައުމާ މުޚާޠަބުކޮށް ވާހަކައެއް ދެއްކިން. އެ ދެއްކި ވާހަކައިގެ އެންމެބޮޑު މަޤްޞަދަކީ، މިއަހަރަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ދަނޑުވެރިކަން ކުރުމާއި، ގަސް އިންދުމުގެ އަހަރަކަށް ހެދުން. އެކަން އިޢުލާނު ކުރުމަށްޓަކައި އެރޭ އެވަގުތު މާލޭގައި ކުޑަވަރެއްގެ ރަސްމިއްޔާތެއް ބާއްވައި، މާލޭގެ ސަލްޓަންޕާކޭ ކިޔާ ބަގީޗާގައި ގަސްތަކެއް އިންދައި، ރުއްތަކެއް އިންދައި ހެދިން. އެއީ އަހަރު ފެށުމުގެ އެންމެ ފުރަތަމަ ވަގުތު. އާދެ، އެމަސައްކަތް ކުރިޔަށް ގެންދިޔުން، އަޅުގަނޑު ދެކެނީ އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި. ރާއްޖެއަކީ ޒަމާނުއްސުރެ ގަސް އިންދުމުގެ ރާއްޖެއެއް. ރުއް އިންދުމުގެ ރާއްޖެއެއް. ރާއްޖޭގެ ގަސްގަހުން ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ފައިދާތަކެއް ލިބެމުންދިޔަ ރާއްޖެއެއް. ފަހަކަށްއައިސް އެކަމަށް އަޅުގަނޑުމެންނަށް އެއްވެސް އަހަންމިއްޔަތެއް ނުދެވި އޮތުމުގެ ސަބަބުން މިހާރު ގަސްގަހާގެހި ރާއްޖެތެރޭގައި ވަރަށް ބޮޑަށް މަދުވެގެން ހިނގައްޖެ. ރުއްތައްވެސް ވަރަށް މަދުވެއްޖެ. މިރަށަށް އަޅުގަނޑު އައިއިރުވެސް އަޅުގަނޑަށް ފާހަގަކުރެވުނީ، ރަށުގައި ހުރި ރުއްތަކުގެ މަދުކަން. އަޅުގަނޑު އެވާހަކަ ކަތީބަށް ނަންގަތީން. ކަތީބު ބުނުއްވީ ރަށުގެ ރައްޔިތުން ތަންކޮޅެއް ކުރިން އެހެން ރަށަކަށް ބަދަލުވާންޖެހިފައި އޮތުމުގެ ސަބަބުން އެދުވަސްވަރު ހިނގައިދިޔަ ކަމެކޭ. އަޅުގަނޑު ނަންގަތީ، އެހެންވީމާ އެދުވަސް އެދިޔައީޔޭ މިހާރު. މިހާރު މިއޮތީ އެހެން ދުވަހެކޭ. މިއަދު އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް ކުރަންވީ ރަށް ކުރިޔަށް ގެންދިޔުމަށޭ. އެހެންވީމާ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރުއް އިންދުމާއި، ގަސް އިންދުމާއި އަދި އެނޫންވެސް ދަނޑުވެރިކަމުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ރަށުގެ ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވަންވާނެ.

އާދެ، ދެން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، ސަރުކާރުން އެހީވެދޭ ފަދައިން ނުވަތަ ސަރުކާރުން އެހީވެދޭ އުޞޫލުގެމަތިން، ބޭރުގެ ބައެއް ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް އެހީ ލިބެމުންދޭ. އެއީވެސް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން. އެގޮތުން އެމެރިކާގެ ޖަމުޢިއްޔާއެއްގެ ފަރާތުން މިއަތޮޅުގައި އާދެ، ރ.އަތޮޅުގައި ވަރަށް މުހިންމު މަޝްރޫޢެއް ހިންގަމުން އެބަގެންދޭ. އެމަޝްރޫޢު ފެށުނުތާ ދުވަސްކޮޅެއްވެއްޖެ. އެމަޝްރޫޢުގެ ދަށުން މިރަށުގައި މަދަރުސާއެއް ޢިމާރަތްކުރުން ހިމެނޭ. އެމަދަރުސާ ޢިމާރަތް ކުރުމަށްޓަކައި މިހާރުވަނީ ބިންވެސް ސާފުކުރެވިފައި. އެމަސައްކަތްތައް އަޅުގަނޑު ހިތުން ވަރަށް ހަލުވިކޮށް ކުރިޔަށްދާނެ. އެ ރޭވިފައި އޮންނަނީ ބޭރުން ގެންނަން ބޭނުންވާ ތަކެތި، މަދަރުސާ ޢިމާރާތް ކުރުމަށް، މިދެންނެވި ޖަމުޢިއްޔާގެ ފަރާތުން ގެނެސްދޭ ގޮތަށް. ދެން ސަރުކާރުގެ ޚަރަދުގައި އެތަކެތި ރަށަށް ފޮނުވައިދެނީ. ރަށުގެ ރައްޔިތުންގެ މަސައްކަތުން އެ ތަން ޢިމާރާތް ކުރަނީ. އުވަ، ވެލި، ގާ މިތަކެތި ނަގައި އަދި އެމަސައްކަތް ހިންގާ ފަރާތަކީ ރައްޔިތުން.

އެހެންވީމާ، މިހުރިހާ ފަރާތެއް ބައިވެރިވެގެން އަތުގުޅައިލައިގެން، މިދެންނެވި މަޝްރޫޢު ކުރިޔަށް ގެންދެވެން އަންނަނީ. އެމަޝްރޫޢު ކުރިޔަށް ގެންދިޔައިމާ، އޭގެފައިދާ ލިބޭނީ ހަމަ ރަށުގެ ރައްޔިތުންނަށް. އެހެންވީމާ، އެ ނުކުތާއަށްވެސް ރަށުގެ ރައްޔިތުން ވަރަށްބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ. ތަޢުލީމު އެއީ އަޅުގަނޑުމެންނަށް އެންމެބޮޑަށް މިވަގުތު ބޭނުންވެފައިވާ ޚިދުމަތްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. މިރަށުގައިވެސް މަކްތަބެއް އެބަހުރި. އެ މަކްތަބުގެ ކުދިން މިތިބީ. ވަރަށް އެކަށީގެންވާ ގޮތަކަށް ޒީނަތްތެރިވެފައި އެކުދިން އެތިބީ. ވަރަށް އުފާވެރި މަންޒަރެއް، އަޅުގަނޑުގެ ކުރިމަތީގައި މިހާރު ހާމަވެގެން އެދަނީ. އެކުދިންގެ އަތްމަތީގައި އަޅުގަނޑުމެންގެ މުސްތަޤުބަލް އޮތީ. އެކުދިން އެއީ ޤައުމުދެކެ ލޯބިވާ، ދީނަށް ޙުރުމަތްތެރިކޮށްހިތާ، ހަރުދަނާ ކުދިބަޔަކަށް ހެދުނު މިންވަރަކުން އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤުބަލް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ، ތަނަވަސްވެ، އުޖާލާވަމުންދާނީ. އެއީ ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ވާނެ ކަމެއްނޫން. އެހެންވީމާ، ތަޢުލީމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް އަޅުގަނޑުމެން ދޭންޖެހޭނެ. އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުންވެސް މިރަށުގެ ތަޢުލީމަށް، އެ އެހީ ލިބެން ހަމަޖެހިފައި އޮތުމާއެކު، އެކަމަށް ރަށުގެ ރައްޔިތުންނާއި ވެރިން ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަންވާނެ.

ހަމައެއާއެކު، ހަނދާންކުރައްވަންވާނެ، ސަރުކާރުން ފަށައިގެން ހިންގާ، ވަރަށް މުހިންމު މަޝްރޫއެއް އެބައޮތް. އެއީ، އަސާސީ ތަޢުލީމުގެ މަޝްރޫޢު. ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށް ދިނުމާއި އަދި ދީނުގެ މަޢުލޫމާތުވެސް. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަށް އެނގެންޖެހޭނެ ނަމާދުކުރަން، ރޯދަހިފަން. އަދި އެކަންކަމަށް ބޭނުންވާ ޠަހާރަތާއި، މިނޫންވެސް ކަންތައްތައް. ވުޟޫކުރަން އެނގެންވާނެ. އެކި މަޤާމުތަކުގައި ކިޔަންޖެހޭ ދުޢާތައް އެނގެންވާނެ. އަޅުގަނޑުމެން ކުރާ އަޅުކަން ޞައްޙަވަނީ ކިހިނެއް ކުރެވުނީމާކަން، އެ އަޅުކަން ޞައްޙަނުވަނީ ކިހިނެއް ކުރެވުނީމާކަން، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް ފިލަންވާނެ. މި މަޢުލޫމާތުތައްވެސް އަސާސީ ތަޢުލީމުގެ ތެރޭގައި ހިމެނޭ. އަދި ހިސާބުވެސް ކޮންމެވެސްވަރަކަށް ކޮންމެ މީހަކަށްވެސް އެނގެންޖެހޭ. ހަމަ އެއާއެކު ޞިއްޙީގޮތުން އަޅުގަނޑުމެން ގެންގުޅެންވީ އާދަކާދަތައް، ގެންގުޅެންވީ ކާނާ، ކޮންކަހަލަ އެއްޗެއް ކޭމާތޯ ހަށިގަނޑަށް ފައިދާ ކުރަނީ، ކިހިނެއް އުޅުނީމާތޯ ބަލިބަލިން ރައްކާތެރިވެވެނީ، ބަލިވީމާ ކިހިނެއް ޢަމަލުކުރީމާތޯ އަވަހަށް ބަލިން، ﷲ ގެ އިރާދަފުޅާއެކު ފަސޭހަވާނީ، މިހުރިހާކަމެއް އަޅުގަނޑުމެންނަށް އެނގެންޖެހޭ. އެކަންކަމުގެ މައްޗަށް އަލިއަޅުވައިލާ މަޝްރޫޢެއް، އަސާސީ ތަޢުލީމުގެ މަޝްރޫޢު އެއީ.

އެހެންވީމާ، އެއަށް ޚާއްޞަ ސަމާލުކަމެއް، ރަށުގެ އެންމެންވެސް ދޭންވާނެ. މިދާ ދަތުރުތަކުން އަޅުގަނޑަށް އެނގޭ އެއްޗަކީ، އަންހެނުން، ޚާއްޞަކޮށް ރާއްޖެތެރޭގެ އަންހެނުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ވަރަށް ތަރުޙީބުދޭކަން. އެއާ އެއްވަރަށް ފިރިހެނުންނަށް ތަރުޙީބު ނުދެވޭކަން. އާދެ، ފަހަރެއްގައިވެސް އަޅުގަނޑު ފިރިހެނުން ކުށްވެރިކުރަނީކީ ނޫން. ފިރިހެނުން ބަދުނާމުކުރަނީކީ ނޫން. އެހެންނަމަވެސް އެމީހުންނަށް ދިމާވެފައި ހުންނަ ސަބަބުތަކެއްގެ ސަބަބުންކަމަށްވެސް ވެދާނެ، އެމީހުންނަށް އެހާބޮޑު ތަރުޙީބެއް ނުދެވެނީ. އެކަމަކު އަޅުގަނޑުގެ ނަސޭޙަތަކީ އެއީ އެކަންވާންވީ ގޮތެއްނޫނޭ. ފިރިހެނުންވެސް އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެއޭ. އެއީ އެމީހުންނަށް ލިޔަންކިޔަން ދަސްވީމާ ހަމަ އެފައިދާ އެލިބެނީ އެމީހުންނަށް. ސަރުކާރަކަށް ނޫން. ސަރުކާރަށް ކޮން ފައިދާއެއްތޯ ލިބެނީ، އިތުރު މީހަކަށް ލިޔަންކިޔަން ދަސްވިއޭ ކިޔާފައި. އެގޮތަކުން ލިބެންއޮތް ފައިދާއެއް ނެތް. އެމީހާއަށް ފައިދާވާނީ. އެމީހާއަށް އިތުރު މަޢުލޫމާތުތަކެއް އެނގޭނީ. އެހެންވީމާ، އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢަށް އަހަންމިއްޔަތެއް ދީގެން، މިހާރު ސަރުކާރުން ހޯދައިދީފައި މިވާ ރަނުގެ ފުރުޞަތުގެ ބޭނުން ކުރަންވާނެ. މީގެކުރިން އެމީހުންނަށް ލިބިފައި އޮތް ފުރުޞަތެއްނޫން މިއީކީ. މީގެކުރިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ބޮޑެތި މީހުންނަށް ލިބިފައެއްނެތް. މިހާރު ސަރުކާރުން އެ ފުރުޞަތު މި ހަމަޖައްސައިދެނީ، އެއްވެސް ޚަރަދެއްނެތި. އެމީހާ ކުރަންޖެހޭ އެއްވެސް ޚަރަދެއްނެތް. ހުރިހާ ކަމެއް ސަރުކާރުން ކޮށްދެނީ. އެހެންވީމާ، މިފުރުޞަތު ނަގާލުމަކީ އަޅުގަނޑުހިތުން ވަރަށް ދެރަކަމެއް.

ކޮންމެއަކަސް މިކަންކަމުގެ މައްޗަށް ރަށުގެ ރައްޔިތުން ވަރަށްބޮޑަށް ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މިހެން ދަންނަވާއިރު، އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކުރަންޖެހޭނެއޭވެސް ދަންނަވަންޖެހޭ. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތަކީ ދީނުގެ ނިޢުމަތް ކަމަށްވާތީ، އަޅުގަނޑުމެން އެގޮތް ދަނެގެން، އަބަދުވެސް ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ، ދީނުގައި މަނާކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެ، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެހީތެރިކަން ފަތުރައި، އެއްވެސް މީހަކު އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ، ކޮންމެ މީހަކުވެސް، އެހެން މީހުންނަކީ ތިމާގެ އަޚުން ކަމުގައި ދަނެގެން ދިރިއުޅެމުން ގެންދާގޮތް އަޅުގަނޑުމެން އާދަކުރަންވާނެ. އެހެން ނަހަދައިފިއްޔާ އަޅުގަނޑުމެންގެ މެދުގައި ފިތުނަފަސާދަ އުފެދި، ރުޅިވެރިކަން އުފެދި، ޙަސަދަ އުފެދި، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފައިދާ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް ހާސިލުވެގެނެއް ނުދާނެ.

އާދެ، އެހެންވީމާ މާދިގުކޮށް މި ވާހަކަ ނުދެއްކި ކަމުގައިވިޔަސް، އަޅުގަނޑުހިތުން އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކަށްވެސް މިކަންތައްތައް ރަނގަޅަށް އެނގޭނެ. އިސްލާމުން، މުސްލިމުންގެ މެދުގައި އޮންނަންވާނީ ކޮންކަހަލަ ގުޅުމެއްކަން، މުސްލިމުންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާކަމާއި، އެހީތެރިކަމުގެ ގުޅުންކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ހަމަ ރަނގަޅަށް ދަންނާނެ ކަމެއް. އެގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ. ދެން ވެރިންނާއި ރައްޔިތުން އެއްބައިވެގެން ރަށުގެ ކަންތައް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަންވީ. ކޮންމެ ރަށެއްގައިވެސް މިހާރު ކޮމިޓީތަކެއް އުފެދިފައި އެބަހުރި. ކޮންމެ އަތޮޅެއްގައި އަތޮޅުކުރިއަރުވާ ކޮމިޓީއެއް، ކޮންމެ ރަށެއްގައި ރަށްކުރިއެރުވުމަށް އެހީވާ ކޮމިޓީއެއް، އަދި އަންހެނުންގެ ކޮމިޓީއެއް، ދެން މިކަހަލަ ކިތަންމެ ކޮމިޓީތަކެއް އެބަހުރި. އޭގެ ބޭނުމަކީ ފަހަރެއްގައިވެސް ތިމަންނާ މިއީ ކޮމިޓީގެ ރައީސޭ، އެހެން ބުނުމުގެ ފުރުޞަތު ލިބުމެއް ނޫން. ނުވަތަ ތިމަންނާ މިއީ ކޮމިޓީގެ މެމްބަރެކޭ، އެހެން ބުނުމެއް ނޫން. ޚިދުމަތެއް ކުރުން. މަސައްކަތެއް ކުރުން. ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތެއް ކުރުން. އަޅުގަނޑު ދެންމެ މިތަނަށް ފޭބިއިރު ތިއްބެވި، ކޮމިޓީގެ މެމްބަރުންނާ ހިސާބަކަށް ސުވާލުކޮށްލާ ހެދިން. އެބޭކަލުންނާއި އަދި އެބޭކަނބަލުން ބުނުއްވި، ތިމަންނާމެން ރަށުގެ ތަރައްޤީއަށްޓަކައި އެބަ މަސައްކަތްކުރަމޭ. އެހެންކަމަށްވަންޏާ އެއީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާކަމެއް. އެއީ އަޅުގަނޑުގެ އެދުމަކީ. ހަމައެކަނި ކޮމިޓީއެއް ނޫން. ކޮމިޓީ އެތިބީ އަޅުގަނޑުމެންނަށް ކަންތައްތައް ރާވައިދޭން. ކޮމިޓީން ކުރާ މަސައްކަތް ކުރިޔަށް ދާނީ އަޅުގަނޑުމެން އެމަސައްކަތުގައި ހިފައިގެން. ރައްޔިތުން އެމަސައްކަތުގައި އެއްބާރުލައިގެން. އެހެންވިއްޔާ ކޮމިޓީއާއި ރަށުގެ ވެރިން އެ އިރުޝާދު ދެއްވާ ގޮތެއްގެމަތިން ރައްޔިތުން އިޚްލާޞްތެރިކަމާއެކު، ރަށް ކުރިއެރުވުމުގެ މަސައްކަތްތަކުގައި ބައިވެރިވާންވާނެ. އެގޮތަށް ބައިވެރިވެގެން އަޅުގަނޑުމެންނަށް މިނޫން ދުވަހެއް ފެންނާނީ. މިހާރު އަޅުގަނޑުމެން މިތިބީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރެއްގައެއް ނޫން. ތަޢުލީމީ ގޮތުންވެސް، އަދި އިޤުތިޞާދީ ގޮތުންވެސް، އިޖުތިމާޢީ ގޮތުންވެސް، ދިރިއުޅުމުގެ ގޮތުންވެސް، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން ތިބެން ބޭނުންވާ ފެންވަރަށްވުރެ މާ ދަށު ފެންވަރެއްގައި. މިގޮތް ބަދަލުކޮށްލައި، ކުރިޔަށް ދެވޭނީ ފިސާރި ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކޮށްގެން. މަސައްކަތް ނުކުރާ ބަޔަކަށް އެއްވެސް ކަމެއް ދުނިޔޭގައި ނުފެންނާނެ.

ﷲ ހަމަޖައްސަވާފައިވާ އިލާހީ އުޞޫލު. މަސައްކަތްކުރާ މީހަކަށް ކާމިޔާބު ލިބޭނީ. މަސައްކަތް ކުރާ މީހަކަށް މިނޫން ދުވަހެއް ފެންނާނީ. މަސައްކަތްނުކޮށް ކަންނެތްކަމުގައި ތިބޭ މީހުންނަށް ހަމަ އެއްވެސް ތަނަވަސްކަމެއް ނުފެންނާނެ. އަދި ދުނިޔޭގައިވެސް، އާޚިރަތުގައިވެސް. އާޚިރަތަށްވެސް މަސައްކަތްކުރަންޖެހޭ. އެއީ ދީނުގައި އަންގަވާފައިވާ ކަންތައްތައް. އެކަންތައްތައް ނުކޮށް އާޚިރަތުގެ ނިޢުމަތެއް ނުލިބޭނެ. ހަމަ އެގޮތަށް ދުނިޔޭގެ ނިޢުމަތް ހޯދަންވެސް މަސައްކަތްތައް ކުރަންޖެހޭ. އެމަސައްކަތްތަކެއް ނުކޮށެއް ދުނިޔޭގެ ނިޢުމަތެއްވެސް ނުލިބޭނެ. މިހިރީ އަޅުގަނޑުމެން ރަނގަޅަށް ދަންނަންޖެހޭނެ ކަންތައްތައް.

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، އެހެންވީމާ، މިހުރިހާ ކަމަކަށް ފައިނުގެ ރައްޔިތުންވެސް ރަނގަޅަށް ވިސްނަވައި، އެގޮތުގެމަތިން ޢަމަލު ކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކުރަމުން. އަދި ނިންމައިލުމުގެ ކުރިން، މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ތަކުރާރުކުރަން.

والسّلام عليكم ورحمـة اللّـه وبركاته.