ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނައިފަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ނައިފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފެނާއި، ނަރުދަމާގެ މަޝްރޫޢު ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ޔޫތު ސެންޓަރެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ މައްސަލަތައް ޙިއްޞާ ކުރެއްވިއެވެ. އަދި ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މެންބަރުން ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން ނައިފަރު ސްކޫލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.