ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ޤައުމުގައި ފެތުރިގެންދާވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމަޢަށް ކުރާނެކަމަށާއި އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްކައުޓު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވެވި "ވުޑްބެޖް ރީޔޫނިއަން ބެންކުއަޓް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި، އިތުބާރުހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ދަސްކޮށްދޭކަމަށެވެ. މީގެ އިތުރުން ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވިފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާޢީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ތަރުބިއްޔަތު ދަސްކުރުމަށްޓަކައި މުޖުތަމަޢަށް ނުކުމެ އަމަލީ ގޮތުން ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިރޭގެ ޙަފުލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު، އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަކަށް ތަރައްޤީ ގެނައުމަށް ކަމުގައެވެ. މީގެ ސަބަބުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ވެށި، އެގޮތުގައި ހަލާކުނުވެ ފެންނަން އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖަމާލުއްދީނު ސްކޫލުގައި މިރޭ ބޭއްވެވި ހަފުލާގައި ސްކައުޓް އެސޯސިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. މި ހަފުލާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ސްކައުޓް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.