بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصَّلاَة وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ، سَيِّدنَا محُـَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދައުލަތުގެ ވަޒީރުން، މިނިސްޓްރީގެ އިސްވެރިން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އިސްވެރިންނާއި، ހީވާގި މުވައްޒަފުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މުބާރާތުގައި ވާދަކުރާ އެންމެހައި ބައިވެރިންނާއި، އެ ބައިވެރިންގެ ލޮބުވެތި ބެލެނިވެރިން؛
السّـلام عليـكم ورحـمة اللّـه وبـركاتـه.
އާދެ، މިރޭ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ، މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެލުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. އެކަމަށްޓަކައި ވުޒާރާގެ ވަޒީރު އަދި އެންމެހައި އިސްވެރިންނަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އާދެ، ކީރިތި ޤުރްއާނަކީ، ޝައްކެއްވެސްނެތްގޮތުގައި، އިންސާނިއްޔަތަށް މާތްﷲ ބާވައިލެއްވި، އެންމެ މަތިވެރި ހިދާޔަތު. އެއީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދުސްތޫރު. އަދި އަޅުގަނޑުމެންނަށް އެންމެ ސީދާ ތެދުމަގު ދައްކައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރްއާން ތިލާވަތު ކުރުމާއި، އެ ފޮތުގެ ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އެންމެ ބޮޑު، އެންމެ މަތިވެރި ވާޖިބުވެސްމެ. ހަމައެއާއެކު، އެ މާތް ޢިލްމު އުނގަންނައިދީ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބިޖެއްސުމަކީ، ދެ ދުނިޔޭގެ މަތިވެރި ޘަވާބާއި، ދަރުމަ ލިބިގެންދާ ކަމެއް. މި މަތިވެރި ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ، ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިޔަތު ކުރުމަކީ، އަޅުގަނޑުމެން އެންމެން ގުޅިގެން އަދާކުރަންޖެހޭނެ، ވަރަށް މުހިންމު ޒިންމާއެއް.
އެގޮތުން، މިރޭ ފެށިގެންމިދާ ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މި ދެންނެވި ޒިންމާ ފުރިހަމައަށް އަދާކުރުމަށް އެޅޭ، ވަރަށް މުހިންމު ފިޔަވަޅެއްވެސްމެ. މި މުބާރާތަކީ، ހަމައެކަނި ވަނަތަކެއް ހާސިލުކުރުމަށް ބާއްވާ މުބާރާތެއް ނޫން. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިންގެ ހިތްތަކުގައި، ޤުރްއާނުގެ ލޯބި އިތުރުކޮށް، ތަޖުވީދުގެ ހަމަތަކަށް އަހުލުވެރި، ހުނަރުވެރި ޖީލެއް، ޤައުމީ ފެންވަރުގައި ބިނާކުރުމަށް ލިބޭ، ވަރަށް އަގުހުރި ފުރުޞަތެއް.
މުބަރާތުގައި ބައިވެރިވާ، އަޅުގަނޑުމެންގެ ލޮބުވެތި ބައިވެރިން، ތިޔަ ބައިވެރިންނަށް އަޅުގަނޑު ދޭންއޮތް، އެންމެ މުހިންމު ނަސޭހަތަކީ، ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ، ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން، އަބަދުވެސް ހަނދާނުގައި ބަހައްޓަން. މުބާރާތް ނިމުމަށްފަހުގައިވެސް، ޤުރްއާން ތިލާވަތު ކުރުމާއި، އެ ފޮތުގެ މަތިވެރި ތަޢުލީމު އުނގެނުމުގައި ދެމިތިބުމަކީ، ނުހަނު ބޭނުންތެރި ކަމެއް. ތިޔަ ކުދިންގެ ޢަމަލުތަކާއި، ސުލޫކަކީ، ޤުރްއާނުގެ ޢިލްމުގެ އަލީގައި ބައްޓަންވެފައިވާ، ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި، މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް، އަބަދުވެސް އިސްކަންދޭންވާނެ.
މި މުބާރާތް ފެށުމާ ހަމައަށް ދަރިން ގެނެސްދިނުމުގައި، ބެލެނިވެރިންނާއި، ޤުރްއާން މުދައްރިސުން، ތިޔަ ވެވަޑައިގެންނެވި ޤުރުބާނީއަކީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީއެއް. މި މުބާރާތް ކުރިއަށްދާއިރު، މި ކުދިންނަށް ހިތްވަރުދީ، ނަތީޖާއަށްވުރެ ބޮޑަށް، އެ ކުދިންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަކީ، އަޅުގަނޑުގެ އިލްތިމާސެއް. މުބާރާތުން ވަނަވަނަ ހާސިލު ނުކުރެވުނު ކަމުގައިވީނަމަވެސް، އެ ކުދިންނަށް ހިތްބުރަކަމެއްނެތި، ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގައި ދެމިތިއްބަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
ޤުރްއާނުގެ ޢިލްމު ކުރިއެރުވުމަށް، އަދުގެ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި، އިސްލާމީ ތަޢުލީމާއި، ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ވުޒާރާއާ ހަވާލުކުރަން މަތިކޮށްފައިވޭ. އެ މަސައްކަތް، އިރާދަކުރެއްވީތީ ވަރަށް ބާރަށް ކުރިއަށް އެބަ ގެންދޭ. ހާފިޡުންނަށް ދޭ ޢިނާޔަތް، ދެގުނައަށް ބޮޑުކުރުމާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް، އަތޮޅުތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ފާހަގަކޮށްލެވޭފަދަ ކުރިއެރުންތައް. މީގެއިތުރުން، 2023 ވަނަ އަހަރުން ފެށިގެން، މިހާތަނަށް 89 ޙާފިޡުންގެ ސަނަދު ހާސިލުކޮށްފައިވުމަކީ، މުޅި ޤައުމުވެސް ނުހަނު ފަޚުރުވެރިވާ، އަދި އުފާކުރާ ކަމެއް.
މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް، ކުރިއަށްވެސް ގިނަ މަޝްރޫޢުތަކެއް އެބަހުރި. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާން ސެންޓަރުތައް ޤާއިމުކުރުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އެކަމުގެ ކޮންމެވެސްވަރެއްގެ ތަފުސީލެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުވެސް ދެންމެ ވިދާޅުވެދެއްވައިފި. އާދެ، މި ހުރިހާ މަސައްކަތެއްގެވެސް އަމާޒަކީ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިންނަކީ، ޤުރްއާނުގެ ހިޔަލުގައި ތަރުބިއްޔަތުވާ، ރަނގަޅު ބަޔަކަށް ހެދުން.
އާދެ، މި މުބާރާތް އިންތިޒާމުކޮށް، މިހާ ފުރިހަމައަށް ކުރިއަށްގެންދާކަމީ، އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ، އަދި އުފާކުރާ ކަމެއް. އެކަމަށްޓަކައި، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި، މި މުބާރާތުގައި ވާދަކުރާ އެންމެހައި ބައިވެރިންނަށް ވަރަށް ފުރިހަމަ ކާމިޔާބަކަށް އެދެން.
އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ޤައުމަކީ، ކީރިތި ޤުރްއާނުގެ އަލިގަދަ ނޫރުން ވިދާ، ބާއްޖަވެރި ޤައުމެއް ކަމުގައި ލައްވަވައި، އަޅުގަނޑުމެންގެ ދަރިންނަކީ، ޤުރްއާނަށް ލޯބިކުރާ ޞާލިޙު ބައެއް ކަމުގައި ލެއްވެވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.