ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ހުޅުދެލި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ހުޅުދެލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން، ރަށުގެ ކަރަންޓުގެ ހާލަތުދަށްވުމާއި، ބަނދަރުގެ ދަތިކަމާއި، ރަށުގެ ޞިއްޙީ މަރުކަޒުން ލިބެންހުންނަ ޞިއްޙީ ޚިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވެފައިވާކަން ވެސް ހުޅުދެލީ ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފައިވެއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ބަނދަރުގެ ދަތިކަން ހައްލުކުރުމާއި ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.