ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހުވަދު އަތޮޅު ދެކުނުބުރީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ އުއްމީދުތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މިގޮތުން، އަތޮޅުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން މެންބަރުން ހިއްސާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ހުރިހާ ދާއިރާއަކުން އަތޮޅު ތަރައްޤީކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ހިންގުމުގެ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ދައުރު އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވޭ ގޮތްތަކާމެދުވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވީހާވެސް ބޮޑަކަށް ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ޒިންމާތައް ސަރުކާރުން ދޫކޮށްލަމުން ގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޢުމްރާނީ ވަސީލަތްތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމުގައި ސަރުކާރުން ރާވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.