މި އެޕްރީލު މަހުގެ 15 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު މި އިޞްލާޙާ ގުޅިގެން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެކަމަށް ކަޑައެޅިގެން ދިޔައީއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރުގެ މުއްދަތަށް ކަމުގައި ވެސް މި އިސްލާހާއެކު ކަނޑައެޅިގެން ދިޔައީއެވެ. މީގެ އިތުރުން މި އިސްލާޙުގެ ދަށުން ޤާނޫނޫ އަސާސީގެ 15 ވަނަ ބާބު އުނިކުރެވިގެން ދިޔައީއެވެ.