ސްރީލަންކާގައި މިއަދު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، އެ ޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މިއަދު ދިން ޓެރަރިސްޓް ހަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ހަމްދަރުދީ ފޮނުއްވައި، ސްރީލަންކާއަށް ކުރިމަތި ވެފައިވާ މިހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ފިނޑި އަމަލުގެ ސަބަބުން ފުރާނަ ގެއްލުނު މީހުންނަށްޓަކައި މުޅި ދިވެހި ރައްޔިތުން ހިތާމަ ކުރާ ކަމަށާއި، މި ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އެތައް ދިވެހި ރައްޔިތުންނެއް، ދެވަނަ ވަޒަންގެ ގޮތުގައި ދެކޭ ސްރީލަންކާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ހަމައެކަނި ހިތާމަ ފާޅު ކުރަނީ ނޫން ކަމަށާއި، ދިވެހިން އަބަދުވެސް ތިބީ ސްރީލަންކާގެ ރައްޔިތުންނާއެކު ސާބިތުވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ މިފަދަ އަމަލުތައް ކުށްވެރި ކުރުމުގައި ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ސާބިތުވެ ދެމި އޮންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި، މި ހިތާމަވެރި ވަގުތުގައި، ސްރީލަންކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.