ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، "ދަރުމަ ކަމާކެމި" ހަރަކާތް އިފްތިތާހު ކޮށްދެއްވައިފިއެވެ. "ދަރުމަ ކަމާކެމި" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައެވެ.

"ދަރުމަ ކަމާކެމި" އަކީ، މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާވާފައިވާ ހަރަކާތެކެވެ. އަދި، އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަންޑް ފޮށިތަކުގެ ތަފުސީލުވެސް މި ހަރަކާތުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދެމުން ގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި، ހެޔޮ ކަންތައްތައް ކުރުމަކީ އެއަށް ނިމުމެއް އަންނާނެ ކަމެއް ނޫންކަން ހަނދާން ކޮށްދެއްވައި، މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރުމަށް ގޮވައިލެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މިހާރުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނުލިބޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިންގަވާ އެންމެހައި ހަރަކާތްތައްވެސް ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތަށް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.