ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސްރޫޢު އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެމަނިކުފާނާ އަދި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅަކީ ވެސް، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުންކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙް ކުރެވުނު ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ އެސިޓީގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ފުވައްމުލަކުގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފެށިފައި އޮތް މަޝްރޫޢެއް ނަމަވެސް މި މަޝްރޫޢު މިހާރު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައި ވިދާޅުވިއެވެ. އެގޮތުން މަގުތައް ހެދުމުގައި އިސްކަންދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.