ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް ހުޅުއްވައިދެއްވައިފިއެވެ.

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އެގޮތުން، ދިވެހި ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ކުރިއަށް އޮތްދުވަސްތަކުގައި ދެމިތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ކަމަށާއި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރު ޚިދުމަތްތައް ފަށައި، މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.