بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޢާއިޝާ ޚަލީލާ، ޔުނިވަރސިޓީގެ ޑީނުންނާއި ލެކްޗަރާއިން، އަދި މުވައްޒަފުންނާއި، އެންމެހައި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
.

އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ ބައިވެރިވާ ދަސްވެނިވުމުގެ ޙަފްލާއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާ ކަމުގައިވުމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އަޅުގަނޑަށް މި ފުރުޞަތު ދެއްވިކަމަށްޓަކައި، މި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޢާއިޝާ ޚަލީލާއަށާއި، މި ޔުނިވަރސިޓީގެ އިސް ވެރީންނަށް ޝުކުރު ދަންނަވަން.


މި އުފާވެރި މުނާސަބަތުގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑު އަވަސްވެގަންނާނީ، މިރޭ ދަސްވެނިވާ ހުރިހާ ދަރިވަރުންނަށް، ތަހުނިޔާ އާއި މުބާރިކްބާދީ ދެންނެވުމަށް. އަދި މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް، ވަކީން ޚާއްޞަ ތަހުނިޔާއަކާއި މުބާރިކްބާދީއެއް ދަންނަވަން. އަދި ދަރިވަރުންނަށް ޢިލްމު އުނގަންނަވައިދެއްވި އެންމެހައި އެދުރުންނަށް ޝުކުރު ދަންނަވަން.


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ޔުނިވަރސިޓީއެއްގެ ގޮތުގައި ކިތަންމެ ހަގު ތަނަކަށްވިޔަސް، ޙަޤީޤަތުގައި މިއީ 39 އަހަރުގެ ފަޚުރުވެރި މާޒީއެއް އޮތް ތަޢުލީމީ މުއައްސަސާއެއް. މަޢުހަދުގެ ނަމުގައި ވަރަށް މަދު ކުދިންކޮޅަކާއެކު ފަށައިގެން އައިސް، މިހާރު މިއީ 6 ފެކަލްޓީއާއި، 3 ސެންޓަރުގައި، 2500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޔުނިވަރސިޓީއެއް.


އޭގެ ތެރޭގައި، ސެޓްފިކެޓް ލެވެލް 1 ން ފެށިގެން، ޕީ.އެޗް.ޑީ.އާ ހަމައަށް ކިޔަވަމުން އަންނަ ދަރިވަރުން ތިބިކަން އަޅުގަނޑު ފާހަގަކުރަން. އަދި ޔުނިވަރސިޓީއަކަށް ބަދަލުވިފަހުން، މިދިޔަ އަހަރާ ހަމައަށް، އެއްހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ދަރިވަރުން ދަސްވެނިވެއްޖެ. އަދި މިރޭގެ މި ރަސްމިއްޔާތުގައި، ފަސްސަތޭކަ ހަތްދިހަ ފަސް ދަރިވަރުން ދަސްވެނިވާނެ.


އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތީގެތެރެއިން ކޮންމެ ދަރިވަރަކީ، މި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތަޢުލީމް ހާސިލު ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ، މި ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށް ތިޔަ ދަރިވަރުން ކުރި، ވަރަށް އަގުބޮޑު އިންވެސްޓެއް.


މި ސަރުކާރުން، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރީވެސް، ޤައުމު ތަރައްޤީ ކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ. އެއީ، މިއަހަރުގެ ބަޖެޓުގެ 3.4 ބިލިއަން ރުފިޔާ. މިއީ މި ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ޚާއްޞަކުރި ފުރަތަމަ ފަހަރު.


ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެންމެ އިސް ވާޖިބާ ޙަވާލުވެ ހުންނައިރު، އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީ ކުރުން. އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާއަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީން ހާސިލު ކުރެވޭނެ އެއްޗެކޭ.


އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ދޭން. އެންމެންނަކީވެސް ކިޔަވައިގެން ތިބި، ތަފާތު ފަންނީ ހުނަރުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދަން. އެމީހުންނަށް ބޭނުންވާ އިތުރު ވަޒީފާތައް އުފައްދައި، ވަޒީފާގެ ފުރުޞަތުތައްވެސް އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން.


އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުމެ މިތިބީ، ރައްޔިތުންގެ އެތައް ޝަކުވާތަކެއް އަޑުއަހައި، އެތައް ކަންބޮޑުވުންތަކެއް ދެނެގަނެގެން. ދިވެހި ޒުވާނުންގެ ޝަކުވާއަކަށްވީ، މަތީ ތަޢުލީމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން. ލޯނު ނަގައިގެން ހާސިލުކުރާ ޑިގްރީއާއެކު، ނުއުފުލޭވަރުގެ ދަރަންޏެއް ބޮލުގައި އަޅަންޖެހުން.


އަޅުގަނޑަށް ވިސްނުނީ، ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު، ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް. އަޅުގަނޑަށް ގަބޫލުކުރެވުނީ، ތަޢުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް.


މި ސަބަބުތަކަށްޓަކައި، އަޅުގަނޑުމެން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ހާސިލު ކުރެވޭނެ މަގު ފަހިކޮށްދީފައި. ސަރުކާރުގެ ބޭނުމަކީ ވީހާ ގިނަ ދަރިވަރުންނަށް، އެ ފުރުޞަތު ފަހިކޮށްދިނުން. އަދި އެކަމަށްޓަކައި، ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމާއެކު، ތަކުލީފެއްނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން.


ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓްވެސް މިހާރު ވާނީ، ތިން އިންސައްތައަށް ކުޑަކޮށްދީފައި. އަދި ލޯނު ދައްކަންޖެހޭ މުއްދަތުވެސް މިހާރުވާނީ ފަންސަވީސް އިންސައްތަ އިތުރުކޮށްދީފައި. މިއީ ލޯނު ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ޔަޤީން.


މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ، މިފަދަ ރަނުގެ ފުރުޞަތުތައް، ސަރުކާރުން ފަހިކޮށްދެނީ، ވަރަށް މުހިންމު ބޭނުމެއްގައިކަން، ތިޔަ ހުރިހާ ދަރިވަރުން އަބަދުވެސް ހަނދާން ކުރަންވާނެ. އަދި މި ފުރުޞަތުތަކުގެ ބޭނުން، ޒިންމާދާރުކަމާއެކު، ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަން.


އެއްވެސް ކަމެއްގެ ކާމިޔާބަކީ، އޭގެ ޒާތުގައި އަމިއްލައަށް ލިބޭ އެއްޗެއް ނޫން. ކާމިޔާބަކީ ހިންމަތާއި މިންނަތާއެކު، މަސައްކަތްކުރާ މީހެއްގެ ޙައްޤެއް. ކާމިޔާބީ ހާސިލުކުރަން އެދޭނަމަ، އެކަމަށް ވަގުތު ހުސްކުރަންޖެހޭނެ. އެތައް ޤުރުބާނީތަކެއް ވާންޖެހޭނެ. ހަމައެފަދައިން ކާމިޔާބު ހޯދުމުގެ ޝައުޤުވެރިކަމާއި ހިތްވަރު، އެމީހެއްގެ ކިބައިގައި ހުންނަންވާނެ.


މިއަދު ތިޔަ ދަރިވަރުން ތިޔަ ހާސިލުކުރި ޢިލްމަކީ، ތިޔަ ދަރިވަރުންގެ ދިރިއުޅުމުގެ ބިންގާ. އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރަންވާނީ، ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގެ މަތީގައި. އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވާނީ، ރިވެތި ބަސްމަގުން ކުރެވޭ މުޢާމަލާތްތަކާއި، ހިތްހެޔޮކަމާއި، އެކުވެރިކަމާ އެކުގައި. ޢަދުލުވެރި، ތެދުވެރި އަމާނާތްތެރީން ކަމުގައިވުމަކީ، ތިޔަ ދަރިވަރުންގެ ފަޚުރެއް ކަމުގައި ހަދަންވާނެ.


މިއަދު ތިޔަ ދަރިވަރުން ދަސްވެނިވެގެން މުޖްތަމަޢަށް ނުކުމެ އުޅޭއިރު، ތިޔައިން ކޮންމެ ދަރިވަރަކީ، ރިވެތި އަޚްލާޤާއި ނަމޫނާ ސުލޫކެއްގެ ވެރި ބައެއް ކަމުގައި ވާންޖެހޭނެ. ތިޔަ ދަރިވަރުން ހާސިލުކުރި ޢިލްމު، ދިރިއުޅުމުގެ އެންމެހައި މައިދާންތަކުގައި، އޭގެ އެންމެ މަތީ ދަރަޖައިގައި ތަންފީޒު ކުރުމަށް، ގަދައަޅައި މަސައްކަތް ކުރަންވާނެ.


ތިޔަ ދަރިވަރުން އުނގެނިގެން މިއަދު ތިޔަ ދަސްވެނިވި ގިނަ ކަންކަމަކީ، މި މުޖްތަމަޢަށް އިންތިހާއަށް ބޭނުންވެފައިވާ ކަންކަން. ތިޔަ ދަރިވަރުންގެ ފަރާތުން މުޖްތަމަޢު އެދެނީ، އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ ރޫޙު އަށަގެންނެވުމަށް. އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، އަޅާލައި ލޯބިވުމުގެ ސިފަ ދެމެހެއްޓުމަށް.


މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތަޢުލީމް ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުން. އެއީ އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.


އަޅުގަނޑު ދެކޭގޮތުގައި، މި ޔުނިވަރސިޓީއަކީ، މި ދެންނެވި ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ތަނެއް. މި މުއައްސަސާގެ މާޒީންވެސް އެކަން ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި. މި މުއައްސަސާއިން ތަޢުލީމު ހާސިލުކުރި އެއްވެސް ދަރިވަރަކު، ހަރުކަށި، ވިޔާނުދާ ތަފާތު ފިކުރުތަކުގައި ޖެހި، މަގު އޮޅިފައިނުވާކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.


އެހެންކަމުން ތިޔަ ދަރިވަރުންނަކީވެސް، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް. މި ޤައުމުގެ ތަރައްޤީ ބިނާވެގެންދާނީ، އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް. ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ، ތިޔަ ދަރިވަރުންގެ ދެން އޮތް އެންމެ އިސް ވާޖިބެއް ކަމުގައި ހަދަންވީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިރޭ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް، ވަރަށް ބާއްޖަވެރި އުފާވެރި މުސްތަޤްބަލެއް މާތް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަން. ދިވެހި ޤައުމަށް ވަފާތެރި ތެދުވެރި ދަރީންތަކެއް އުފެއްދުމަށް، މި ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވާށި! ހެޔޮލަފާ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހެޔޮ ތައުފީޤް ދެއްވައި، ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.