بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް، އެޗް.ޑީ.ސީ.ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަރާތުން މި ފަށަނީ، ވަރަށް އުފާވެރި، ވަރަށް މުނާސަބު ދުވަސްކޮޅެއްގައި. އެ ކުންފުންޏަށް 24 އަހަރު ފުރުނީ މިދިޔަ ހޯމަ ދުވަހު. އަދި މިހާރު ގުނަން ފަށާފައި މިވަނީ އެ ކުންފުނީގެ 25 ވަނަ އަހަރު.

އެހެންކަމުން، އެ ކުންފުނީގެ ޚިދުމަތުގެ ރިހި ޔޫބީލް ގުނަން ފަށާފައިވާ މި މުނާސަބަތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށާއި، ހީވާގި މުވައްޒަފުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި އެ ކުންފުންޏަށް ވަރަށް ކާމިޔާބު ދުވަސްތަކަކަށްވެސް އަޅުގަނޑު އެދެން.

މި ރާއްޖޭގެ ޖިއޮގްރަފީ ސަރަޙައްދުގެ ތެރެއިން ހިކިފަސް ބިމުގެ ނިސްބަތަކީ، ގާތްގަނޑަކަށް އެންމެ ޕަސެންޓެއް. އަނެއް 99 ޕަސެންޓަކީ ފެން ނުވަތަ ކަނޑުގެ ލޮނު. އެހެންނަމަވެސް، މި ރާއްޖޭގައި އެންމެ ތަދު އެކައްޗަކީ ސާފު ބޯފެން. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭ.

އިންސާނުންގެ ދިރިތިބުމާ ސީދާގޮތުން ގުޅިފައިވާ ކަންކަމުގެ ތެރެއިން، ރާއްޖެއަށް އޮތް އެންމެ ނާޒުކު މައްސަލައަކީވެސް ސާފު ބޯފެނުގެ މައްސަލަ. ބިމު އަޑިން ފެން ނަގާ މިންވަރު އިތުރުވުމުން، ގިނަ ރަށްރަށުގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ތުނިވެފައި.

މިހާރު ރަށްރަށުގައި ހުރި މަދު ފެންފޮދުވެސް ހުރީ، ރަށުތެރެއަށް ނަޖިސް ފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެފައި. އަދި ކުރިމަގުގައި މި މައްސަލަ ދާނީވެސް އިތުރަށް ގޯސްވަމުން.

އަޅުގަނޑުމެން ތިމާވެށީގެ ޙިމާޔަތަށް އިސްކަންދޭއިރު، ބޯފެން އުފެއްދުމުގައި މިހާރުވެސް މި ބޭނުންކުރަނީ، ޑީސަލުން ހިންގާ އިންޖީނުތައް. އޭގެ ބަދަލުގައި ބޯފެން އުފެއްދުމުގައިވެސް، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާމެދު ވިސްނަންވެއްޖެ. އަދި ވާރޭފެން ރައްކާކުރުންފަދަ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތައްވެސް ބޭނުންކުރަން ފަށަންވެއްޖެ.

މިހާރުވެސް، ގިނަ ރަށްރަށުގެ މީހުން ދިރިއުޅެމުން އެ ދަނީ، އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތްވެސް ނުލިބި. މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު މި ފަށާ މަޝްރޫޢަކީވެސް، އެ މަސައްކަތުގެ އެއްބައި. އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ފަހުކޮޅު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، މި ބިމުގައި ހުންނަ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، އެއްލައްކަ ފަސްދޮޅަސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ އަވަށެއް. އެމީހުން ދިރިއުޅުމަށް މި އަވަށުގައި ގާތްގަނޑަކަށް ސައްބީސްހާސް ފަސްސަތޭކަ ގޭބިސީ ހުންނާނެ. އެހެންވީމާ، މި ތަނުގައި ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔޫ.އެސް.ސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢަށްވެސް ވާނެ.

އެ ކުންފުނިން މި މަޝްރޫޢު ހިންގަނީ، ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭގޮތަށް. މި މަޝްރޫޢަށް ބޭނުންވާ ތަކެތި ގަތުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ، ޖަޕާނުގެ ހިޓާޗީ ކެޕިޓަލްގެ ފަރާތުން. އޭގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތަށް ހިނގާ ޚަރަދުތައް ހަމަޖައްސާނީ އެމްޑަބްލިޔޫ.އެސް.ސީ. އިން އަމިއްލައަށް.

އަސާސީ ޚިދުމަތެއް ފުރިހަމަކޮށްދިނުމުގެ އިތުރުން، މިފަދަ މަޝްރޫޢުތައް ހިންގުމުގައި، ސަރުކާރުން ހާސިލުކުރަން ބޭނުންވާ އެހެން މަޤްޞަދުތަކެއްވެސް އެބަހުރި. އެންމެ ފުރަތަމަ ކަމަކީ، ބޯފެނަށް ކުރަންޖެހޭ ހޭދައާއި، އުފުލަންޖެހޭ ތަކުލީފް ކުޑަކުރުން. އަނެއް އަމާޒަކީ، ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާވެސް މަދުކުރުން.

އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ، ފެން ކުންފުނިތަކުން އުފައްދާ ފެނަކީ، ބުއިމަށް އެންމެ އެކަށީގެންވާ ސާފު އަދި ރައްކާތެރި ފެން ކަމުގައި ހަދައިގެން. އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަޙައްދުންވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު، އެންމެ ސާފު ބޯފެން.

އިންސާނުން ބޯން ކަމުދާ ފެނުގެ ފެންވަރު ކަނޑައެޅުމަށް ޑަބްލިޔޫ.އެޗް.އޯ އިން ގެންގުޅޭ މިންގަނޑުން ބަލާއިރު، ބުއިމަށް ކަމުދާ އެންމެ އެވްރެޖް ފެނަކީ، ކޮންޑަކްޓިވިޓީ ލެވެލް އެއްހާސް ފަސްސަތޭކައިގައި ގައި ހުންނަ ފެން. އަޅުގަނޑުމެންގެ ފެން ކުންފުނިން މިހާރު ގޭބިސީތަކަށް ދޫކޮށްފައި އެ ހުންނަނީ، ޑަބްލިޔޫ.އެޗް.އޯގެ މި މިންގަނޑަށްވުރެ ތިންގުނަ ފެންވަރު ރަނގަޅު ބޯފެނެއް.

އެއީ ކޮންޑަކްޓިވިޓީ ލެވެލް ހަތަރުސަތޭކަ އާއި ފަސްސަތޭކައާ ދެމެދުގައި ހުންނަ ފެނެއް. އެއީ އަޅުގަނޑުމެން ބުއިމަށާއި، ކާބޯތަކެތި ތައްޔާރުކުރުމަށް، ޞިއްޙީ މިންގަނޑުން ބަލާއިރުވެސް، އެންމެ އެކަށީގެންވާ ފެން ކަމަށް ހެލްތު މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އިންވެސް ވަނީ ކަށަވަރު ކޮށްދީފައި.

ދެން ބަލަންވީ އަޅުގަނޑުމެން ބޯފެނަށް މަހެއްގެ ތެރޭގައި ކުރާ ހޭދަ. އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނުގެ އަގަށް ބަލާއިރު، ބޯފެން ލީޓަރެއް އެ ޖެހެނީ ގާތްގަނޑަކަށް ހަތް ލާރިއަށް. އެހާ ހެޔޮ އަގުގައި، ފެންވަރު ރަނގަޅު ސާފު ބޯފެން ލިބެން ހުއްޓައި، ކީއްކުރަންތޯ އަޅުގަނޑުމެން ފަސް ރުފިޔާއަށް ފެން ލީޓަރެއް ގަނެގެން ބޯންވީ.

އަޅުގަނޑު ހިތުން މިއީ، އަޅުގަނޑުމެންނަށް މިހާރުވެސް ސަލާމަތް ކުރެވިދާނެ ޚަރަދުތަކެއް. މިއަދުން ފެށިގެންވެސް، އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވިދާނެ. އެ ބަދަލު ގެނެސްފިނަމަ، އެއީ އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްވެސް ވާނެ.

އަޅުގަނޑުމެންގެ މި މާލެއިން ކޮންމެ ދުވަހަކު އުކައިލެވޭ ކުނީގެ ތެރޭގައިވެސް، އެންމެ ގިނަ ޢަދަދަކަށް ހުންނަ އެކައްޗަކީ، ތަފާތު ބާވަތުގެ ޕްލާސްޓިކް ފުޅި. ހަމައެކަނި މާލޭގައިވެސް، ދުވާލަކަށް ދެލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ. މި ބާވަތުގެ ޕްލާސްޓިކަކީ ފަސޭހައިން ފަނާވެގެންދާ ޒާތުގެ ޕްލާސްޓިކެއް ނޫން.

އަޅުގަނޑުމެންގެ ކަނޑުތަކަށް އެންމެ ގިނައިން އުކައިލެވެނީވެސް މި ބާވަތުގެ ޕްލާސްޓިކް ފުޅި. އަދި ރަށްރަށުގެ ގޮނޑުދޮށްތަކަށް އެންމެ ގިނައިން ލައްގާފައި ހުންނަ ކުންޏަކީވެސް ޕްލާސްޓިކް ފުޅި. މިއީ ހަމަ އަޅުގަނޑުމެންގެ އަތްތަކުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ދެވޭ ގެއްލުމެއް.

ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ފުޅީގައި ބަންދުކުރި ފެން، ބޮޑު އަގުގައި ގަނެގެން ބުއިމުގެ ބަދަލުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ، ރައްކާތެރި ސާފު ފެން ބޯން ފަށައިފިނަމަ، އަޅުގަނޑުމެންނަށް މައިގަނޑު ދެ ފައިދާއެއް ލިބޭނެ. އެއީ ވަރަށް ބޮޑަށް ޚަރަދު ކުޑަވުމާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން.

އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތަށާއި ދުޅަހެޔޮ ކަމަށް އިސްކަންދޭ ފަދައިން، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމަށްވެސް އިސްކަންދޭ ބަޔަކު ކަމުގައިވުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.