އަޅުގަނޑުމެން ހުރިހާ މަސައްކަތެއް މި ކުރަނީ ވަރުގަދަ ޖީލެއް އުފެއްދުމަށް ކަމަށާއި، ތަޢުލީމު ވަރުގަދަކުރުމަށްވުރެ ބޭނުންތެރި އެހެން އެއްވެސް ކަމެއް ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކާށިދޫ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދަރިވަރުންނަކީ ސުކޫލު ނިމި މުޖުތަމަޢަށް ނުކުންނައިރު ދިރިއުޅުމަށް އަހުލުވެރި މަސައްކަތައް އަހުލުވެރި ރަނގަޅަށް އުޅެން އެނގޭ ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކީ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރައްވައި ދިވެހިރާއްޖޭގައި ތަޢުލީމު ކުރިއެރުވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސްކޫލުތަކާ އެޑިއުކޭޝަން މިނިސްޓްރީ އާއި ވަރަށް ގާތްގުޅުމެއް ބާއްވަން ޖެހޭކަމުގައެވެ. އަދި ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލުނުވެ ދިގު މުއްދަތަކަށް އެކަންކަން ތަހައްމަލުކުރަން ނުޖެހޭ ގޮތަށް ރަނގަޅަށް ކަންތައްތައް ބެލެންވެސް ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ތަޢުލީމީ ނިޒާމަކީ ރަށްޓެހި ނިޒާމަކަށް ބަދަލުކޮށް މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ނަތީޖާ އެއް ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިއަދަކީ އޯޓިޒަމް އެވެއަރނެސް ދުވަސް ކަމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެންމެން އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް ހިތްވަރުދީ އެހީތެރިވެދީގެން، ވަކިން ޚާއްޞަކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ އެންމެ ލޯބިވާ އެންމެ އަޅާލުން ލިބިގެން މުޖުތަމަޢުގައި އެންމެންނާ އެކުގައި އުޅެވޭނެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ސުކޫލުގެ މާހައުލުން ބޭރުގައިވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވައިފައެވެ.