ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސީއިން ހިންގުމަށް ހަމަޖެހިފައިވާ، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި މި ޕްރޮގްރާމް ހިންގުމުގައި ކުރިމަތިވާނެ ގޮންޖެހުންތައްވެސް ހިއްސާ ކުރެއްވިއެވެ. އަދި ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ކޮންވެންޝަން ސެންޓަރުގެ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި މަސީ އިން ވަނީ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މަސީގެ ބޯޑުން ކޮންސްޓްރަކްޝަން ސައިޓުގައި ހުންނަންވާނެ ހެލްތް އެންޑް ސޭފްޓީ ކަންތައްތަކުގެ މަޢުލޫމާތު ޢާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިސް ނެންގެވީތީ އެކަމަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ވަކި މީހަކު އިސްނަގަންދެން މަޑުނުކޮށް ކޮންމެ މީހަކުވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސުކޫލު ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަސީގެ ފަރާތުން އެދި ވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ކޮންސްޓްރަކްޝަން ދާއިރާއިން ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށާއި ޒުވާނުން އެދާއިރާއަށް އަހުލުވެރިކުރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.