އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ޙިއްޞާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށާއި، މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ހެނދުނު އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި ބޭއްވެވި ޢާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިގޮތުގައި، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތައް ޙައްލުކުރުމަށް އެކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމުގައެވެ. އެގޮތުން އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވަމުން އެކަމަނާ ވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ، ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބުނާ ކަމަށާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި، އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގައެވެ.
އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމުޢިއްޔާއެއްގައި ތިބޭނީ އެފަދަ ފަރާތްތަކަށް އަޅާލައި، ރަނގަޅުގޮތްތައް ހޯދައިދޭން ބޭނުންވާ މީހުންކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ އެހެން މީހުންނަށް މިކަމުގެ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެމީހުންގެ ޙައްޤުގައި ވަކާލާތުކުރުމަކީވެސް އެފަދަ ޖަމުޢިއްޔާއަކުން ކުރަން ލާޒިމްކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައިވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ޖަމުޢިއްޔާއަކުން ފޯރުކޮށްދޭ ޚިދުމަތަކީ ހިލޭ ފޯރުކޮށްދޭ ނުވަތަ ވީ އެންމެ ކުޑަ އަގެއްގައި ފޯރުކޮށްދޭ ޚިދުމަތަކަށް ވާންޖެހޭކަކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އޭޕްރީލް މަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަށް ޚާއްޞަ ކުރެވިފައިވާ މަހަކަށް ވީ ހިނދު މިކަމާ ގުޅޭ މަޢުލޫމާތާއި އެފަދަ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަތުމަށް ކޮންމެ ބޭފުޅަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެކަމަނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އޯޓިޒަމް ސެންޓަރުގެ ވެބްސައިޓް އިފްތިތާޙްކޮށްދެއްވައި، 100 ކުޑަކުދިން ބައިވެރިކޮށްގެން އެފަރާތުން ކުރިއަށްގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިންގ" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައިފައެވެ.