މި މާރިޗު މަހުގެ 14 އިން 21 އަށް އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައެވެ.

ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ 2 އަންހެން އެތުލީޓުންނާއި، 2 ފިރިހެން އެތުލީޓުންނެވެ. މިމުބާރާތުގެ ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ދުވުންތެރިންގެ ފައިނަލް ހީޓްގައި ވާދަކޮށް، ރާއްޖޭގެ ވަސްމީ ވަޙީދު ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ ފައިނަލް ހީޓުން 1 ވަނަ ހޯދައިގެން ސިފްނާ އިބްރާހީމް ވަނީ ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވައި، މަރުހަބާ ވިދާޅުވިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމުން ހޯދި ބޮޑު ކާމިޔާބީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެތުލީޓުންނަށް މުބާރާތުގައި ކުރެވުނު ތަޖުރިބާއާއި، އިތުރަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ދަތިވެފައިވާ ކަންކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްދެއްވޭނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލު ކޮށްލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ހޯދައިދިނުމަށް، ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީއިން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައިވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ރާއްވަވާފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި މިވަގުތު އެންމެ ބޮޑަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ސްޕެޝަލް އޮލިމްޕިކްސް - ވޯލްޑްގޭމްސް 2019 އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ، ވާދަވެރި މާޙައުލެއްގައި އެފަދަ ފަރާތްތަކުގެ ޤާބިލިއްޔަތުކަމަށް ރިޢާޔަތް ކުރެވިގެން އިންތިޒާމް ކުރެވޭ ބައިނަލްއަޤްވާމީ މުބާރާތެކެވެ.