މި ސަރުކާރުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުންކަމުގައި ވިދާޅުވެ، ޤައުމު ތަރައްޤީ ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެހައި ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާފުށީ ޖަލުގައި "އުރީދޫ ސްމާޓް ކެމްޕަސް" އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"އުރީދޫ ސްމާޓް ކެމްޕަސް" އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒްއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ޤާއިމުކޮށްފައިވާ އުނގެނުމުގެ ވަސީލަތެކެވެ. މި ވަސީލަތް ބޭނުންކޮށްގެން ގައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި އެކިއެކި ފަންނުވެރި ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމާއި ކްލާސްތައް ނަގައިދެވޭނެއެވެ. އަދި ގައިދީން މުޖުތަމަޢަށް ނެރެ، ވަޒީފާގެ މާހައުލަށް ތައްޔާރު ކޮށްދިނުމަށްޓަކައި އެކި ކަހަލަ ވޮކޭޝަނަލް މަސައްކަތް ދަސްކޮށްދިނުމަށްވެސް މި ސްމާޓް ކެމްޕަސްގެ ބޭނުންކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމަޢުން އެއްވެސް ބަޔަކު ބާކީވެގެން ގޮސްގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ ހުނަރުތަކެއް ދަސްވެ، މުޖުތަމަޢަށް އަވަހަށް ނުކުމެ، އާއިލާތަކާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުންކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، "އުރީދޫ ސްމާޓް ކެމްޕަސް" އަކީވެސް އެންމެހައި ފަރުދުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.