އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއި "ދަނޑުވެރި ނަފާ" ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެކަމަށާއި، އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އިފްތިތާޙުކުރެއްވުމަށް މިއަދު ހެނދުނު ނެޝަނަލް އާރޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމާއި، ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް، މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

"މި ދެ ކަންތައް ވެސް އަޅުގަނޑުމެން ކުރަން ނިންމީ، ރައްޔިތުން ބާރުވެރި ކުރުވައި، ޤައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން. އެ ސިޔާސަތުގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދު އަޅުގަނޑުމެން މި ފަށާ އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެކަމަށެވެ. ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވައި، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށްވެސް މިކަމުގެ ސަބަބުން އެހީތެރިކަން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ސަބަބަށްޓަކައި، އެސްއެމްއީ ލޯންގެ ވަކި ބައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. އެހެންކަމުން، އެސް.އެމް.އީ ލޯނަކީ، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ގިނަވެ، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެސް.އެމް.އީ ބޭންކެއް މި އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެސް.އެމް.އީ ލޯނު ދޫކުރަން ފަށާއިރު މިވަގުތަށް ނިންމާފައި އޮތީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯން ދޫކުރުމަށްކަމަށާއި، އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ދެންނެވި ލޯންތައް އަޅުގަނޑުމެން ދޫކުރާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާ ވަރުގެ ކުޑަ އިންޓްރެސްޓެއްގައި. އަޅުގަނޑުމެންގެ އަމާޒަކީ ކުރިމަގުގައި ދޫކުރާ މިފަދަ ލޯންތަކުގެ އިންޓްރެސްޓް މިހާރަށްވުރެ ވެސް ކުޑަކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، ސަރުކާރުން މިއަދު މި ފަށާ، "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށާއި، އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަކީ "ދަނޑުވެރި ނަފާ" ލޯންގެ އެންމެ މުހިންމު އެއް މަޤްޞަދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

"މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރު، އެ ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައި. ވަކިން ޚާއްޞަކޮށް ދިވެހި އައު އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށް ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.