ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ ސްކައުޓް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ސްކައުޓް އެސޯސިއޭޝަންގެ ކައުންސިލަށް އަލަށް ޢައްޔަނު ކުރެއްވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ. ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކައުންސިލްގެ ޗީފް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މައްޗަންގޮޅި ތުނބުރި ޢާއިޝަތު އަހުލާމް އެވެ. އަދި ޤައުމީ ސްކައުޓް ކައުންސިލްގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ ނ. މާފަރު، ނާދީ ޢަބްދުލްޙަމީދު ޢަބްދުއްރަހުމާނެވެ. މީގެ އިތުރުން ޤައުމީ ސްކައުޓް އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ ހެންވޭރު ސަންގު އިބްރާހީމް މާޢިޒް މުޙައްމަދެވެ.
މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ސްކައުޓް އެސޯސިއޭޝަނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސްކައުޓް އެސޯސިއޭޝަނުން މިއަހަރު ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރެއްވިއެވެ. އެގޮތުން އެސޯސިއޭޝަނުން ވަނީ މިއަހަރު ބައްވަވާ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު އަރުވާފައެވެ. މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ސްކައުޓު އެސޯސިއޭޝަންގެ މެންބަރުން ވަނީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސްކައުޓު އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމަށް ސަރުކާރަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.