އަންހެނުންނާ މެދު ކަމޭ ހިތައި އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އެންމެންގެ ވާޖިބެއްކަމަށާއި، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއަތޮޅު މާފުށީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމުގައެވެ. އަދި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި، ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު ޤައުމު އޮތް ޙާލަތުން އެއަށް ވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ސިޔާސީ މައިދާނުގާ އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްގެ ގޮނޑީގެ ވަކި އިންސައްތައެއް ހަމައެކަނި އަންހެނުންނަށް ޚާއްޞަކުރުމަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، ޢަމަލީ ގޮތުން ކަންކަން ޙާޞިލްކުރަން ކަމަށެވެ. އެގޮތުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އަމާޒު ޙާޞިލުކުރުމަށް، އެސްއެމްއީ ލޯންގެ 20 އިންސައްތަ ޚާއްޞަކޮށްފައިވަނީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށެވެ. އެ މަސައްކަތް ފަށްޓަވަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކުގައި ކަމަށާއި، އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަދި ސިވިލް ސާރވިސްގަ މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، 6 މަސް ނުވާ ދަރިން ތިބި ނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާރވިސްގަ މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށް ވެސް މި ސިޔާސަތުގެ ދަށުން ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގެ ކުރިން ރައީސުލްޖުމްހޫރިއްޔާވަނީ އަންހެނުންގެ ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ބިނާ ހުޅުއްވައިދެއްވައިފައެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލުކުރެއްވި ބޭފުޅުންނަށް އެވޯޑާއި ހަނދާނީ ބެޖް ދެއްވާފައެވެ.