ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތުޅާދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، ތުޅާދޫ ރައްޔިތުން ގިނަ އަދަދަކަށް ރަށުން ބޭރަށް ހިޖުރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، ރަށުގައި މުހިންމު އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުން މިކަމަށް ހައްލެއް ލިބިގެންދާނެކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ތުޅާދޫއަށް އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ތަރައްޤީ ގެނައުމުގައި ކުރިއަށް ދެވިދާނެ ރޮނގުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ތުޅާދޫ ކައުންސިލްގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި، ޒުވާނުންނަށް އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.