ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށުގެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، ބިމުގެ ދަތިކަމުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯރޓަރީއެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި، ނަރުދަމާ އަދި ފެނުގެ ނިޒާމް ޤާއިމު ވެފައިނެތުމުން ކުރިމަތިވާ ދަތިތަކާއި، ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑު ފަދަ ތަންތަން ޤާއިމުކޮށްދެވިފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެންފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.