މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންވަނީ އެބޭފުޅުން ބޭނުންފުޅުވާ ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ކޮމިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.

މިގޮތުން، މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން 10 ކުޅިވަރެއްގައި ބައިވެރިވާނެ ކަމުގައި މެންބަރުން ހާމަކުރެއްވިއެވެ. މީގެއިތުރުން 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުޞަތު ލިބިފައިވާތީ އެކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އޮލިމްޕިކް ކޮމިޓީއަށް ބިމެއް ކަނަޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއަހަރުގެ ޖުލައި މަހުގެ 19 އިން އެމަހުގެ 28 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭންމްސްއަށް ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ދަޢުވަތު އަރުވައިފައެވެ.