ބޭންކިން ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމަށްޓަކައި ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ "މަސްދޯނި އެކައުންޓް" ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އެކަމަށްޓަކައި މިރޭ ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

"މަސްދޯނި އެކައުންޓް" އަކީ ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އާ ގުޅިގެން ތަޢާރަފްކުރި ޚިދުމަތެކެވެ. މި ޚިދުމަތުގެ ތެރޭގައި ހިމެނޭ "ޑިޖިޓަލް ވޮލެޓް" އާއި "މަސްވެރިޔާ ކާޑު" މެދުވެރިކޮށް ނަގުދު ފައިސާއާ ނުލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުޞަތު އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެއެވެ. އަދި، "މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދިނުމުގެ އިތުރުން، ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކޮށްދެވޭނެއެވެ.

މިރޭ ތައާރަފު ކުރެވުނު މި މުހިންމު ޚިދުމަތުގެ ތެރެއިން، މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭ ގޮތް ވުމަކީ، ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށް ވެސް މަގުފަހިވާނެ ކަމެކެވެ. މިގޮތުން، މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުން ދާނަމަ، ޕެންޝަން ސްކީމް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގު ފަހިވެގެންދާނެއެވެ. އަދި މަސްވެރިޔާ ކާޑު ބޭނުން ކުރިޔަސް، މަސްވެރިޔާގެ އެކައުންޓަށް ޖަމާވާ ފައިސާކޮޅު، ކުރިން ނަގާފައި އޮތް ލޯނަކަށް ބޭންކަކުން ނުކަނޑާނެއެވެ. އަދި "މަސްވެރިޔާ ކާޑު" ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ.