ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލް މެންބަރުން ވަނީ ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޤާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން މެންބަރުންވަނީ ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ޙިއްސާކުރައްވައިފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ ދަރަވަންދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައްވެސް މެންބަރުން ޙިއްޞާކުރައްވާފައިވެއެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުފައި ޒުވާނުންނަށް އެންމެ ބޭނުންވެފައިވާ ފުޓުބޯޅަދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.