ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. 

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލް މެންބަރުން ވަނީ ރަށުގެ ނަރުދަމާ އަދި ފެނުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި، މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތައް މެންބަރުން ވަނީ ޙިއްޞާކުރައްވައިފައެވެ. 

މީގެއިތުރުން ކައުންސިލް މެންބަރުން ވަނީ އެރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުން ލިބެންހުރި އަސާރީ ތަކެތި ބެހެއްޓުމަށް މިއުޒިއަމެއް އިމާރާތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި  އަނގޮޅިތީމްގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.