ފުވައްމުލަކު ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވަން ފުވައްމުލައް" ގެ މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ފުވައްމުލަކުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކާއި، އާންމުންނާ ގުޅިގެން ބާއްވާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ޖަމިއްޔާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އެރުވިއެވެ. އަދި ރަށުގެ ކަންކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ކަންކަން އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުންފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުންގެންދިއުމަކީ "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަ ކުރައްވައި، އެކަމަށް ހިތްވަރު ދެއްވިއެވެ.