އިންޑިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލެޝް މިޝްރާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މިއަދުގެ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސަފީރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ބެހެއްޓެވި ގާތްކަމަށާއި، ދިވެހި ބަހާއި ސަގާފަތަށް އަހުލުވެރިވެ ވަޑައިގެންނެވިލެއް އަވަސްކަން ފާހަގަކުރައްވައިފައެވެ. މީގެއިތުރުން އިންޑޯ-މޯލްޑިވްސް ގެ ގުޅުން ކުރިއަށްއޮތްތާނގައި އާ އުސްމިންތަކަކަށް ދަތުރުކުރުމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމަށް ފައިދާވާގޮތަށް މިހާރު ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވައި ލިބި ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމަށާއި، އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ކުޅިވަރުގެ ދާއިރާއިން މަސައްކަތްތަކެއް ކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައި މިހާރުއޮތް ރަހުމަތްތެރި ގުޅުން ކުރިމަގުގައިވެސް އެގޮތުގައި ދެމެހެއްޓެވުމަށް އެދިވަޑައިގެންފައެވެ.