ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮތީ މިއަދު ސްރީލަންކާގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއޭޓުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދެކަނބަލުންނެވެ.
މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މިމަޝްވަރާތަކުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ވަނީ ސްރީލަންކާގެ ރައީސް އެމަނިކުފާނުގެ ޝަރަފުގައި މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.