ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ލިބެންފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަވަށްޓެރި އެހެން ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށްވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި މީގެ ކުރިން ސްރީލަންކާއަށް ވަޑައިގެންނެވި ފަހަރު، އެޤައުމުގައި ދިރިއުޅުއްވާ ދިވެހިރައްޔިތުން ސްޓޫޑެންޓް ލޯނާ ގުޅިގެން އެދިވަޑައިގެންނެވި ފަދައިން، އެކަމުގައި އުފުލަންޖެހޭ ބުރަ ލުއިކޮށްދެއްވާފައި ވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރައްޖެއާއި ސްރީލަންކާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއަކީ، ރާއްޖޭގައި ޑިމޮކްރެސީގެ ރޫޙު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ޙިއްޞާދާރެއްކަމަށާއި މާޒީގައިވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއްކަމަށެވެ. އަދި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވި ޤައުމަކީވެސް ސްރީލަންކާގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޒަމާނީ ތަޢުލީމު ފެތުރުމުގައި، ވަކިން ޚާއްޞަކޮށް، އިނގިރޭސި މީޑިއަމަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރުމުގައްޔާއި، ޞިއްޙީ ޚިދުމަތުގެ ރޮނގުންނާއި، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް ސްރީލަންކާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިކަމުގައެވެ. މީގެ އިތުރުން ރާއްޖޭގައި އޮތް ޚުދުމުޚުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއްކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސްރީލަންކާގެ ސަރުކާރަށާއި، ސްރީލަންކާގެ ސިޔާސީ ލީޑަރުންނަށާއި، އަދި ޢާންމު ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންގެ އުޅުއްވުމާއި ގުޅުންތައްވެސް ބަހައްޓަވަން ވާނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާފަދަ ގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހީންގެ ރީތި އަޚްލާޤީ ސިފަތައް ދެމެހެއްޓެވުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، އެޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.